ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންނަށް ވަކީލުކަން ނުކުރެވޭ އިސްލާހު އަލުން ކޮމެޓީއަށް

ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ފަނޑިޔާރުންނާއި މަގާމުން ވަކިކުރާ ފަނޑިޔާރުންނަށް އެ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ހަދަން ގާނޫނީ ފަންނުގެ ގާނޫނަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހު މަޖިލީހުން ފާސްނުވެ އަނެއްކާވެސް އަލުން ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނީ ފަންނުގެ ގާނޫނަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހު ފާސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ ރިޕޯޓް ފާސްކުރުމާ ދެކޮޅަށް 31 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. ނަމަވެސް މަޖިލީހުން ފާސްނުވެ އަނބުރާ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓު މިއަދުވެސް ވަނީ ފާސްނުވެ އަލުން ކޮމިޓީއަށް ފޮނުވާފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓް ފާސްކުރުމާ ދެކޮޅަށް 49 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ފެންނަ ކަމަށް އޭރު ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

މަގާމުން ވަކިވާ ފަނޑިޔާރުންނާއި ވަކިކުރާ ފަނޑިޔާރުންނަށް އެ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭ ގޮތް ހެދުމަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރު އެވެ.