ރާއްޖޭގެ އިގްދިސާތު ކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. ޖަޕާންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އެވެ.
ޖަޕާނުން ރާއްޖެއަށް މިއަދު ދިން ތިން މިލިއަން ރުފިޔާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން ސީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާކޮށް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް މި ފައިސާ ބޭނުންކުރާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ސީ އެމްބިއުލަންސަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ސިއްހީ ދާއިރާގައި ބޭނުންކުރާ ތަކެތިވެސް މަދުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް ހަލީލް ފާހަގަކުރެއްވި އެވެ.
"ޖަޕާނުގެ މި އެހީއާއި އެކު ސިއްހީ ދާއިރާ އަށް ދިމާވެފައިވާ މި ދަތިތަކަށް ހައްލެއް ލބިގެންދާނެ." ހަލީލް ވިދާޅުވި އެވެ.
ޖަޕާން ސަރުކާރުން އަބަދުވެސް ރާއްޖެއާ މެދު ގާތްކަން ބާއްވާކަން ހަލީލް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޖަޕާނުން ދެއްވި އެހީއަށް ޝުކުރު އަދާކުރެއްވި އެވެ.