ގްރީން ފަންޑަށް ޖުލައި މަހު 28.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހު މާލެ އާއި ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ގްރީންޑް ފަންޑަށް ފައިސާ ޖަމާކޮށްފައިވެ އެވެ.
ގްރީން ފަންޑަށް ޖުލައި މަހު އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 10.5 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް ރ. އަތޮޅުން 2.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ތިންވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ދ. އަތޮޅުންނެވެ. އެއީ 2.4 މިލިއަން ރުފިޔާ އެވެ.
ގްރީން ފަންޑަށް ފައިސާ ޖަމާވެފައި ހުރި ގޮތަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެންމެ މަދުން ފައިސާ ލިބިފައިވަނީ ވެސް ޖުލައި މަހު އެވެ.
ގްރީން ފަންޑުން ހަރަދުތަކަށް ބަލާއިރު ޖުލައި މަހު 29.6 މިލިއަން ރުފިޔާ އެ ފަންޑުން ހަރަދުކޮށްފައިވެ އެވެ.
ހަރަދުކޮށްފައިވާ 16 މަޝްރޫއުގެ ތެރޭގައި ހިމެނެނީ ރަށްރަށުގައި ކުނީގެ މައްސަލަތައް ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބަނދަރު ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތަކެވެ.
ޖުލައިމަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ 1.02 ބިލިއަން ރުފިޔާ ހުރި ކަމަށްވެސް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ގްރީން ޓެކްސް ނަގަން ފެށީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. ނަމަވެސް މި ފައިސާ ހޭދަކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން މިހާތަނަށް ކުނީގެ މައްސަލަ ހައްލުކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެ އެވެ.