އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް ވަން ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ މިއަދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން މީހާ ވަނީ އެގޭގެ ސީސީޓީވީ ކެމަރާ ސިސްޓަމް ހަލާކުކޮށްލައި ގެއަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގި ވަގުތު އުއްތަމަ ފަނޑިޔާރު ގެކޮޅުގައި ނޫޅުއްވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮަޅަށް މީހަކު ވަދެގަތުމާ ގުޅިގެން އެ ގެކޮޅުގެ ސެކިއުރިޓީ ސިފައިން ވަނީ ވަރުގަދަކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮަޅަށް މީހަކު ވަނުމާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އިހްމާލުނުވުމަށް ވެސް އެ ދެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދޭން ޖެހޭ ގެކޮޅުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ސަރުކާރުން އިއްޔެ ބުނެފައިވެ އެވެ. އެމަނިކުފާނު ދިރިއުޅުއްވުމަށް ވަގުތީ ގޮތުން ހަމަޖައްސަނީ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެކެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގަ އެވެ.