ދައުލަތުގެ އާމްދަނީ

އޯގަސްޓް މަހު ރިކަރަންޓު ހަރަދު 15.7 ޕަސެންޓް އިތުރު

Oct 5, 2021

މިދިޔަ އޯގަސްޓް މަހު ދައުލަތުގެ ރިކަރަންޓް ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު 15.7 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އާއި ހަރަދުގެ މައުލޫމާތު އާއްމު ކުރަން ފިނޭންސް މިނިސްޓްރީން މަހަކު އެއް ފަހަރު ނެރޭ "މަންތްލީ ފިސްކަލް ޑިވްލޮޕްމަންޓް" ގެ އޯގަސްޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު މިދިޔަ އޯގަސްޓް މަހު ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 9.2 ޕަސެންޓް ދަށްވެ، ކެޕިޓަލް ހަރަދުތައް ވެސް ވަނީ 52.1 ޕަސެންޓް ދަށްވެފަ އެވެ.

ނަމަވެސް، މި މުއްދަތުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާ ކިޔާނަމަ ރިކަރަންޓް ހަރަދުތައް ވަނީ 15.7 ޕަސެންޓް އުފުލިފަ އެވެ. އަދި މި ހަރަދުތައް މަތިވުމުގެ ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނީ ތަކެތި ހޯދުމާއި ސަބްސިޑީ ފަދަ ދާއިރާތަކަށް ކުރަން ޖެހުނު ހަރަދުތައް މަތިވެގެން ދިއުމެވެ. މި ބަދަލާއެކު ބަޖެޓުގެ ދަރަނީގެ ނިސްބަތަކީ 888.7 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދުތައް މަތިވެގެން ދިޔައިރު އޯގަސްޓް މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މި އާމްދަނީއަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ލިބިފައިވާ އާމްދަނީއާ އަޅާ ކިޔާނަމަ 32.6 ޕަސެންޓުގެ މަދުވުމެކެވެ. އާމްދަނީ މަދުވުމުގެ ސަބަބަކީ ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އަަދަދު މަދުވުމެވެ.