ރައީސް ޔާމީންގެ ޝަރީއަތް

ކާފާލާތުގައި ރައީސް ޔާމީން ދުލެއް ނުކުރި

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތު ދަށުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސް ކޮށްދިނުމަށެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ކޯޓަށް ލިބިފައިވާ އިހުތިޔާރުތަކުގެ ތެރޭގައި ކަފާލާތުން މީހަކު ދޫކޮށްލުމުގެ އިހުތިޔާރު ލިބިފައި ވަނީ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށް ނުވަތަ ބަންދުގައި ހުރި މީހެއް ކަމަށެވެ.

"އަދި ގާނޫނު އަސާސީގެ މި ނޫން އެހެން މާއްދާއެއްގައި ނުވަތަ ދިވެހި ރާއްޖޭގައި އަމަލުކުރާ އެހެން ގާނޫނެއްގައި ވެސް ޝަރީއަތުން ހުކުމެއް ކުރުމުގެ ފަހުން އެ ހުކުމް ތަންފީޒުކުރާ މީހަކު ކަފާލާތުން ދޫކުރާ އުސޫލެއް ބަޔާންވެފަ ނުވޭ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައިވާއިރު ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެވެން ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ޖޫރިމަނާ ފައިސާ ދެއްކުމުގެ ހުކުމް ތަންފީޒުކުރުން ވަނީ ފަސް ކޮށްދީފަ އެވެ.

ސުޕްރީމް ކޯޓުން އިތުރަށް ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދެ ޝަފަހީ ހެކިން ކަމުގައިވާ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްއާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ، މި ދެ މީހުންނަކީ ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅޭނެ ދެ ހެކިން ކަމަށް ވާތީ އެވެ.

ރައީސް ޔާމީންގެ ހުށަހެޅުންތަކަށް ގޮތް ނިންމެވުމަށްފަހު މިހާރު ކުރިއަށް ދަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލުމުގެ މަރުހަލާ އެވެ. މިއަދު ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވާނެ އެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.