އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާއަށް އޮތީ މިޝަން އިމްޕޮސިބަލް ކަހަލަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އާމިރް އަލާގިޗް ބުނެފި އެވެ.
މުބާރާތުގައި ނޭޕާލާއި ލަންކާ ބައްދަލުކުރި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލާގިޗް ބުނީ މުބާރާތުގެ އޮއިވަރު ދާގޮތަށް ބަލައި މިހާރު ލަންކާއަށް އޮތީ "މިޝަން އިމްޕޮސިބަލް" ކަހަލަ ކަމެއް ކަމަށެވެ. ލަންކާ އޮތީ ތާވަލުގެ ފުލުގައިކަން ފާހަގަ ކުރަމުން އަލާގިޗް ބުނީ ފެންނަން އޮތް ހަގީގަތާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ލަންކާ ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 1-0 އިން ބަލިވި އިރު، ރޭގެ މެޗުގައި ނޭޕާލް އަތުން ލަންކާ ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ. މިއާއެކު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ލަންކާއަށް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
އަލާގިޗް ބުނީ ފުރަތަމަ މެޗާއި އަޅާ ބަލާއިރު ރޭގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑުތަން ކުޅުން ރަނގަޅު ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރޭގައި ލަންކާ ޓީމުން ދެއްކީ ތައުރީފު ހައްގުވާ ފަދަ މޮޅު ކުޅުމެއް ކަމަށާއި، ކުޅުމަށް ބަލާނަމަ މިއީ ލަންކާއަށް ހައްގު މެޗެއް ކަމަށެވެ. އެހެން ކަމުން ރޭގެ މެޗުން ބަލިވި ނަމަވެސް މޮޅު ކުޅުމަށް ބަލައި ހިތްހަމަ ޖައްސާލާނެ ކަމަށެވެ.
މުބާރާތުގައި ލަންކާ ދެން ބައްދަލު ކުރަން ޖެހޭނީ އިންޑިއާ އަދި ރާއްޖެއާ އެވެ. އަލާގިޗް ބުނީ މި މެޗު ތަކުން ކޮންމެސް ވަރަކަށް ޕޮއިންޓު ހޯދިދާނެ ކަމަށެވެ.
"ކީއްވެ ނުވާންވީ؟. އަހަރެމެންގެ ކުޅުންތެރިން އެ ދަނީ ސާބިތު ކޮށްދެމުން އެ މީހުންނަށް ކުޅެވިދާނެކަން. ލެބަނަންއާ ދެކޮޅަށް އަހަރެމެން ސާބިތު ކޮށްދީފިން ކުޅެވިދާނެކަން. މިއީ އަހަރެމެންނަށް ޕޮޒިޓިވްކޮށް ބޭނުން ހިފިދާނެ ކަމެއް،" އަލާގިޗް ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ލަންކާ އާއި ލެބަނަން ބައްދަލުކުރި މެޗުން ލަންކާ ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ.
ލަންކާއިން މި މުބާރާތަށް ކުރިމަތިލީ ރަނގަޅު ތަޖުރިބާއެއް ހޯދައި ލަންކާގެ ފުޓްބޯޅަ އަލުން އާރާސްތު ކުރުމަށް ކަމަށް މިފަހަރުގެ މުބާރާތަށް ކުރިމަތިލީ އިރުން ފެށިގެން ލަންކާގެ ކޯޗު އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެންކަމުން މި މުބާރާތުގައި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް މައްސަލައެއް ނެތް ކަމަށް އަލާގިޗް މީގެ ކުރިން ވެސް ބުންޏެވެ.