ވާހަކަ

ސިއްތާ

(3 އޮކްޓޯބަރ 2021 އާ ގުޅޭ)

"މަންމާ... އަހަންނަށް ފުރިހަމަކޮށްދެވޭވަރު ހުވަފެނަކަށް މަންމަގެ ހުވަފެންނުވޭ. އަހަރެން... ބޭނުމީ... އަހަރެން ވަރިވާން ބޭނުމީ." ނީރާ އިހުނަށްވުރެ ބޮޑަށް ލަމްހާގެ އުނގުގައި މޫނު ފޮރުވާލިއެވެ.

ލަމްހާ ބަސް ހުއްޓޭ ގޮތްވީއެވެ. އޭނާގެ ހަރަކާތްތަކުގައިވީ ކަންބޮޑުވުމާއި ހާސްކަމަށް ބަދަލު ނަޔަސް ދޫ ހިމޭންވީއެވެ. ނީރާ ބުނި އެއްޗެއް ވިސްނައިގަންނަން ދަތިވީއެވެ. ވަރީގެ ވާހަކަ ނީރާ އިއްވާލިއިރު އޭނާ އެ ދެއްކީ ލަމްހާގެ ހުވަފެންތައް ސީދާ ކުރެވެން ނެތް ވާހަކައެވެ. އެއީ ކޮންހުވަފެނެއްކަމެއް ލަމްހާގެ ސިކުނޑިއަކަށް ނަގައި ނުގަނެވުނެވެ. އޭނާގެ ހުވަފެނެއް އޮތްނަމަ އެ ހުވަފެނަކީ ނީރާ އުފަލުގައިވުމެވެ. މިހާރު މިފެންނަ ފަދަ ހިތްދަތިކަމެއްގައި އެކުއްޖާ ވާތަން ދުށުމެއްނޫނެވެ.

"ސޮރީ މަންމާ. އެނގޭ. ވަރިވާން މަންމަ ވެސް ނޭދޭނެ... އީހާނު... އޭނާ މަރުވެސް ވެދާނެ. މަންމަގެ ދަރިފުޅު މަރުވެދާނޭތީ ވަރަށް ކެތްކޮށްފިން. ވަރަށް ބޮޑަށް ކެތްކޮށްފިން."

"ހުރިހާ ދެމަފިރިންނަކީ އެކުގައި އުޅެވޭނެ ބައެއްނޫން. ކައިވެންޏެއްފަހު އެކުގައި ދެމީހުންނަށް ނޫޅެވޭނެކަން ޔަގީންވާ ހިސާބުން ވަރިވުމަކީ މައްސަލައެއްނޫން. އެކަމަކު މަންމައަށް ނުވިސްނިގެން މިއުޅެނީ... އީހާނާއި ދެކުދީން ކައިވެނިކުރީ ބޭނުންވެގެން. އެކުގައި ނޫޅެވޭ ހިސާބަށް ދާނީ ކޮންމެވެސް ކަމެއްވެގެން."

ލަމްހާގެ ވާހަކަ މެދު ކެނޑުނީ ކޮޓަރީގެ ދޮރުފަތުގައި ކުއްލިއަކަށް ތަޅައިގަތް އަޑު އިވިގެންނެވެ. ދެން އިވުނީ އީހާނު ގޮވާލި އަޑެވެ. ލަމްހާއާއި ނީރާއަށެވެ. ލަމްހާގެ ގައިގާ ނީރާ ބާރަށް ހިފެހެއްޓިއެވެ. ދޮރުކައިރިން ސުޖާއާއި އީހާނު ވާހަކަތަކެއް ދައްކާއަޑު އިވެއެވެ. އެހެނަސް ދައްކާ ވާހަކައެއް ލަމްހާއާއި ނީރާއަކަށް ސާފުވާވަރެއް ނުވެއެވެ. ތަޅުދަނޑިފަތި ތަޅުގައި ޖެހުނު އަޑު ލަމްހާއަށް އިވުނެވެ. ގިނައިރެއްނުވެ ދޮރުހުޅުވާލައި ވަންތަން ފެނުނީ އީހާނެއެވެ. އޭނާ ހިފަހައްޓަން ސުޖާއު މަސައްކަތް ކުރިއެވެ. އީހާނުގެ މޫނުގައިވީ ހާސްކަމެވެ.

"ނީރާ..." އީހާނު ފުރަތަމަ ވެސް ގޮވާލީ ނީރާއަށެވެ.

"އީހާނު ކައިރީ ބޭބެ ނުބުނޭތަ ނުވަންނަން." ލަމްހާ ސުވާލުކުރިއެވެ.

"މަންމާ... މިކޮޓަރީގަ. ނީރާއަށް ކިހިނެއްވީ؟"

"އީހާނު އިހަށް މިތަނުން ދޭބަލަ." ލަމްހާ ބުންޏެވެ.

"އެ ކީއްކުރަން." އީހާނު ނުކުންނާކަށް ގަސްދެއް ނުކުރެއެވެ.

"ނީރާއާ މަންމަ ވާހަކައެއް ދައްކަނީއޭ."

"އީހާނު، އިހަށް ބޭރުގަ މަޑުކޮށްލަން އާދެބަލަ." ސުޖާއު އެތެރެއަށް ޖެހިލައި އީހާނުގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭނާއާއެކު ނުކުންނަން އިޝާރާތްކުރާ ފަދައިންނެވެ.

"ކޮންވާހަކައެއްތަ މަންމަ ދައްކަން ބޭނުންވަނީ. އަހަރެން ހުއްޓަސް ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ. އަހަންނާއި ނީރާ މިހާރު މިތިބީ އިނދެގެން. ދެމަފިރިން ކައިރީ ތި ވާހަކައެއް ނުބުނެވޭނެތަ." އީހާނު ޖެހިލީ ނީރާގެ އެނދާ ކައިރިއަށެވެ. އެހިނދު ލަމްހާ ކަނާއަތް ދަމާލިއެވެ. ހުއްޓޭށޭ ބުނާ ފަދައިންނެވެ. ނީރާއާ ކައިރިވުން އީހާނަށް މަނާކުރާ ފަދައެވެ. އެ ހަރަކާތް އީހާނަށް އިތުރު ނުތަނަވަސްކަމެއް ގެނުވިއެވެ.

"ދެމަފިރިންނަށް ވުމުގެ ކުރީން ނީރާއަކީ އަހަރެންގެ އަންހެން ދަރިއެއް. މަންމައަކާއި އަންހެން ދަރިއަކު ދައްކަން ކިތަންމެ ވާހަކައެއް ހުންނާނެ. އީހާނު... އިހަށް ނުކުމޭ މިކޮޓަރިން. ސުޖާއު، އޭނާ ގެންދޭ."

"ނުދާނަން... ނީރާ، އާދޭ... ހިނގާ އަހަންނާއެކު. ނީރާ..." އީހާނުގެ އަޑު ބާރުވިއެވެ. ނީރާ އެއްފަރާތް ކޮށްލުމާއެކު ލަމްހާ އެނދުން ތެދުވިއެވެ. އޭނާ އައިސް އީހާނުގެ ކަނާއަތުގެ މުލައްދަނޑީގައި ހިފިއެވެ. ފިރިހެން ދަރިފުޅުގެ އަތަށް ލަމްހާ ދަމާލިއެވެ. އީހާނަށްވުރެ އިސްކޮޅުން އެތައްތަނެއް ލަމްހާ ކުރެވެ. ބާރުގެ ގޮތުން ބެލިޔަސް އީހާނު މާ ވަރުގަދަވާނެއެވެ. އެހެންވިޔަސް ލަމްހާއަކީ މަންމައެވެ. މަންމަގެ އަތް ފޮޅުވާލާން އީހާނަކަށް ނުކެރުނެވެ. އީހާނު ގޮވައިގެން ކޮޓަރިން ލަމްހާ ނުކުތެވެ.

"އަހަރެން ބުނަންދެން މިކޮޓަރިއަށް ވަދެގެން ނުވާނެ." ލަމްހާގެ އަޑުގައިވީ ހަރުކަށިކަމެވެ. އީހާނު އިންތިހާއަށް ހާސްވިއެވެ.

"މަންމާ، އަހަރެން ނީރާއާ ވާހަކަދައްކަން ބޭނުން." އީހާނު މިފަހަރު ބުނެލީ ލަމްހާއަށް ވިސްނައިދޭން އުޅޭ ފަދައަކުންނެވެ.

"އަހަރެންގެ އަންހެން ދަރިފުޅާ ވާހަކަދެއްކުމަށްފަހު، އީހާނުގެ އަނބިމީހާއާ ވާހަކަދައްކާނެ ވަގުތު ދޭނަން." ލަމްހާ އިއްވާލިއެވެ. އޭނާ ދެން އަތްދިއްކޮށްލީ އީހާނަށެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތި ދޭށޭކަން ލަމްހާ އިޝާރާތް އެކުރީ އީހާނަށް އެނގުނެވެ. މަޑުމަޑުން މަންމަ ދިއްކޮށްލައިގެން ހުރި އަތުގެ ތެރެއަށް ތަޅުދަނޑުފަތި އީހާނު ލައިދިނެވެ. އެހިފައިގެން ލަމްހާ އެނބުރުނު ގޮތަށް ނީރާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ދޮރުފަތް ތަޅުލާފައި ލަމްހާ ފުންނޭވާއެއް ލިއެވެ.

ލަމްހާގެ ނަޒަރު އެނދުގައި ބަންޑުން އޮތް ނީރާއަށް ހުއްޓުނެވެ. އީހާނާއެކު ހީނ ސަމާސާކޮށްފައި އުޅުނު ނީރާއަށް ވީގޮތެއް އެނގުން ލަމްހާއަށް މުހިންމުވެއްޖެއެވެ. ކައިވެނިކޮށްގެން ތިން މަސް ކިރިޔާ ވަނީއެވެ. މިހާ އަވަހަށް އެކުދީންގެ ކައިވެނި ރޫޅިދާނޭ ލަމްހާ ހިތަށް ވެސް ނާރައެވެ. އެކަމަކު އޭނާއަށް ވެސް ފާހަގަވީ އެއްކަމެއް އޮތެވެ. ކައިވެންޏަށްފަހު އީހާނާއި ނީރާއަށް ބަދަލުތަކެއް އަތުވެއްޖެ ކަމެވެ. ހާއްސަކޮށް ނީރާއަށެވެ.

"ނީރާ... ތެދުވޭ. މަންމައަށް ހުރިހާ އެއްޗެއް ކިޔާދީބަލަ." ލަމްހާ އައިސް އެނދުގައި އިށީނދެ ނީރާގެ ބޮލުގައި ފިރުމާލިއެވެ. ދެން ނީރާގެ އަތުގައި ހިފާލައި ނަގަން އުޅުމުން އޭނާ ތެދުވިއެވެ. ރޮއެރޮއެ އެ ދެ ލޮލާއި މޫނު ވެސް ވަނީ ރަތްވެފައެވެ. ނީރާގެ ކޯތާފަތުގައި ލަމްހާ ފިރުމާލިއެވެ. ވާހަކަދައްކަން އޭނާ އެދުނެވެ.

"މަންމަ އެދުނީތީ ކައިވެނިކުރީ. މަންމަގެ އިހުސާންތެރިކަމުގެ ބަދަލު ދެވޭތޯ މަސައްކަތް ކުރީ."

"ކީކޭ؟" ލަމްހާއަށް ލިބުނު ސިހުމުގައި ބުނެވުނެވެ. އޭނާގެ އިހުސާންތެރިކަމުގެ ބަދަލުދޭން ނީރާގެ ގާތުގައި ދުވަހަކުވެސް ނުބުނާނެއެވެ. އަމިއްލަ ދަރިއަކު ފަދައިން ލޯބިދީ އެ އަންހެންކުއްޖާ އޭނާ ބޮޑުކުރީ އެކަމުގެ ބަދަލު ބޭނުންވެގެންނެއްނޫނެވެ. އެފަދަ ރަހުމެއްނެތް ވިސްނުމެއް އޭނާގެ ހިތާއި ސިކުނޑިއަށް އަރާފައެއް ވެސް ނެތެވެ.

"މަންމަ ހަނދާންވޭތަ އީހާނުގެ ބާތްޑޭ. ހުރިހާކަމެއް ބަދަލުވީ އެ ދުވަހު... އަހަރެންދެކެ މަންމަ ލޯބިވާނަމަ ހަމައެކަނި އީހާނު ކައިރީ ކީއްވެ ބުނީ ކައިވެނީގެ ވާހަކަ." ނީރާގެ އަޑުގައިވީ ޝަކުވާއެވެ.

"ކީކޭތަ މަންމައަށް ބުނެވުނީ؟. ހަނދާންވާގޮތުން ތީގެ ދެކުދީން އެ ދުވަހު ކައިވެނި އިއުލާންކުރީ. މަންމަ ވެސް ހުރީ ނޭނގުމެއްގެ ތެރޭ." ލަމްހާގެ ހައިރާންކަން އިތުރުވިއެވެ.

"ނޫން. ނޫން... އެހެނެއްނޫންވީ... އީހާނު ބުނީ މަންމަ ބޭނުންވަނީ އަހަރެމެން ދެމީހުން މެރީކުރާށޭ. މަންމައަށް ޓަކައި އެވަރުކަމެއް ކޮށްނުދެވޭނެތޯ ވެސް އެހި. ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ގެނެސްގެން ބަލައި މިވަރުކުރިއިރު ދުވަހަކުވެސް މަންމަ އަހަރެންގެ ފަރާތުން އެފަދަ އުންމީދެއްކޮށްފާނޭ ހިޔެއްނުކުރަން. މަންމަ ނޫނީ އަހަރެން އެވަރުގެ ބޮޑު ގުރުބާނީއެއް ވާނެ މީހަކުނެތް. މަންމައަށް ޓަކައި އެވަރުކޮށްނުދެވޭ ދަރިއަކަށް ވާން ބޭނުންނުވީ. މަންމަ ވެސް ބުނީމެންނު މި ކައިވެންޏަކީ މާކުރީން ހަމަޖެހިފަ އޮތް ކައިވެންޏެއް ކަމަށް. ހުރިހާ ކަމަކަށް އެއްބަސްވާން ޖެހުނީ އެހެންވެ. އެކަމަކު ލޯބިނުވާ މީހަކާ ގުޅިގެން މަޖުބޫރީ ދިރިއުޅުމެއް އުޅޭނެ ހިތްވަރެއްނެތް. މީ އަހަރެން ބޭނުންވީ ދިރިއުޅުމެއްނޫން."

"ނީރާ... މަންމަ އެފަދަ ވާހަކައެއް ދެއްކީ ދަރިފުޅުމެން ކައިވެނިކުރަން ބޭނުންވާކަން އެނގުނީމަ. އޭގެ ކުރީން އަހަންނާއި ނަސްރާއާ ދެމެދު ދެކެވިފަ އޮތް އެ ވާހަކަ ދަރިފުޅަށް ކިޔައެއް ނުދެމެންނު. ނީރާއެކޭ އީހާނެކޭ މަންމަގެ ކައިރީ ތަފާތެއްނެތް. އެކުއްޖަކު ބޭނުން ބައިވެރިއަކު ހަޔާތަށް ގެނައުމުގެ އިހުތިޔާރު އޮންނާން ވާނޭކަން މަންމަ އަބަދުވެސް ގަބޫލުކުރަނީ. މަންމައަށް ވެސް އޮޅުން އެރީ. ނީރާ ހުރީ ރުހިގެންކަމުގައި ގަބޫލުކުރެވުނީ. އީހާނުގެ އުފަންދުވަހުގައި ދަރިފުޅުމެންގެ ކައިވެނީގެ ވާހަކަ ފުރަތަމަ މަންމައަށް އަޑުއިވުނީ. އަޖައިބުވީ އެހެންވެ. މަންމައަށް ވެސް ނޭނގި ތި ދެކުދީން ގުޅިގެން އުޅޭކަން އެނގުމުން."

ކައިވެންޏާމެދު ލަމްހާ ގަބޫލުވިގޮތާއި އޭނާއަށް ހީވެފައި އޮތް ގޮތް ނީރާއަށް ކިޔާދިނެވެ. އަދި ހަމައެއާއެކު ނީރާގެ ފުށުން ހުރިހާކަމެއް ލަމްހާއަށް އޮޅުންފިލިއެވެ. ހުރިހާ ގޯހެއް ހިނގީ އީހާނުގެ ސަބަބުންކަން ލަމްހާއަށް ސާފުވިއެވެ. ނީރާ ހުރީ އީހާނުގެ މުށުތެރޭ ފިތިފައިކަން ލަމްހާއަށް އިހްސާސް ކުރެވުނީ އަދިކިރިޔާއެވެ. އެކުއްޖާ ސަލާމަތްވާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އީހާނުގެ ބިރުދެއްކުން ހައްދު ފަހަނައަޅައި ދަނީއެވެ. އަމިއްލަ ނަފްސަށް އީހާން ގެއްލުންދޭންފެށީ ކޮންއިރަކުން ފެށިގެންކަން ނީރާ ކިޔާދިނެވެ. އޭނާ އެންމެ ދެރަވީ އީހާނަށް ހުރިހާކަމެއް އެނގިހުރެ ކައިވެނި ހުއްޓުވަން ނޫޅުނުނީމަކަން ނީރާ ހާމަކުރިއެވެ. ނީރާގެ ހަޔާތަށް ބައިވެރިއަކު އައިކަމާއި އީހާނުގެ އުފަންދުވަހުގައި ކައިވެނީގެ ވާހަކަ ނުދެއްކިނަމަ މިއަދު އެ މީހަކާއެކު ނީރާ އުޅޭނީ އުފަލުންކަން ބުންޏެވެ. ނަމަވެސް ހުރިހާކަމެއް ބަދަލުވެއްޖެއޭ ނީރާ ބުނެލިއެވެ. އެހެންވިޔަސް އޭނާ މިއަދު އީހާނުގެ އަނތްބެއްގެ ގޮތުގައި ހުންނާކަށް ނޭދޭކަން ބުންޏެވެ. އަދި އެގެއިން އޭނާ ދާން ބޭނުންވާކަން ބުނެލި ހިނދު ލަމްހާގެ މެޔަށް ތޫނު ތަދެއް އިހްސާސް ކުރެވުނެވެ. ނީރާއަށް ލިބެމުންދާ އަނިޔާގެ ވޭން އޭނާއަށް ތަސައްވުރު ކުރެވުނެވެ.

ސޯފާއިން އީހާނު ތެދުވީ ފޯނުކޯލަށް ޖަވާބު ދޭށެވެ. އޭނާ ދޮރުފަތް ކަހާލާފައި ހުސްބަޔަށް ނުކުތެވެ. ސުޖާއުއާ ދުރުގައި ހުރެ ވާހަކަ ދައްކަން އީހާނު ގަސްދުކުރީއެވެ. ކީފާގެ ކޯލު ނެގިއެވެ. އެއާއެކު ވަގުތުން ކީފާ ސުވާލުކުރީ ނީރާ ފެނިއްޖެތޯއެވެ. ލައިޒަލް ކަންބޮޑުވެގެން އުޅޭކަން ކީފާ ހަމަކޮށްލުމުން އީހާނުގެ ދެބުމަށް ގުޅުނެވެ. އަދި ލައިޒަލް ގޭގައި ނެތްކަމާއި ނީރާ ހޯދަން ނުކުތީހެން ހީވާކަން ކީފާ ބުނެލިއެވެ.

"ނީރާ ހުރީ ގޭގަ. ލައިޒަލް ކައިރީ ބުނޭ އަހަރެންގެ އަނބިމީހާއާ މެދު ކަންބޮޑުވާކަށް އޭނާ ނުޖެހޭނޭ." އީހާނު އިއްވާލިއެވެ. ގިނަ ވާހަކަތަކެއް ކީފާއާ ދައްކަން ބޭނުންނުވާތީ އީހާނު ކޯލު ކަނޑާލީއެވެ. އޭނާއަށް ވެސް ނޭނގެނީ ކީފާގެ ބޭނުމަކީ އިތުރަށް މަސްލަހަތު ނަގާލުން ކަމެވެ. ލައިޒަލްގެ ނަން މެދުވެރިއަކަށް ހަދައި އީހާނު ރުޅި އަރުވާލުމެވެ. އޭރުން ނީރާއަށް ލައިޒަލްއާ ހަމައަށް ނާދެވޭނެތީއެވެ. އީހާނު އޭނާ ސައިޒުކުރާނޭކަން ކީފާއަށް ޔަގީންވަނީއެވެ.

ނީރާގެ ކޮޓަރިން ލަމްހާ ނުކުމެގެން އައިއިރު ސޯފާގައި އީހާނާއި ސުޖާއު އިނެވެ. ލަމްހާ ފެނުމުން ވަގުތުން އީހާނު ކޮޅަށް ތެދުވިއެވެ. މަންމަގެ ފަރާތުން ބަހެއް ނީވުމުން އީހާނު ގަސްދުކުރީ ނީރާގެ ގާތަށް ދިއުމަށެވެ. އޭނާއަށް ފިޔަވަޅު ނޭޅެނީސް އަތުގައި ލަމްހާ ހިފައިފިއެވެ.

"މިރޭ ނީރާ އޮންނާނީ އެ ކޮޓަރީގަ. ވަރަށް ލަސްވެއްޖެ. ދޭ ނިދާލަން. ހެނދުނުން ވާހަކަދައްކާނީ." ލަމްހާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އެހެންވިޔަސް ކަމެއްވެއްޖެކަން އީހާނަށް ޔަގީންވިއެވެ. ގާތުގައި ނީރާ ނެތިސް އީހާނަށް ނުނިދޭނެއެވެ.

"ދިއުމުގެ ކުރީން ނީރާ ކައިރިއަށް ވަދެލަން ބޭނުން." އީހާނު ބުނެލިއެވެ.

"އީހާނު. މިރެއަކުނޫން." ލަމްހާ ހީވީ ހިތްވަރަށް އުޅޭ ހެންނެވެ. ރުޅިއިސްނުކޮށް ވޭތޯއެވެ.

"ޝީ އިޒް މައި ވައިފް." އީހާނުގެ ހިތް އެދޭވަރު ހާމަކުރިއެވެ.

"ނީރާ ނިދަން ބާއްވާފަ މިއައީ. އޭނާ ވަރަށް ވަރުބަލިވެފަ އޮތީ."

"މަންމާ ޕްލީޒް... ނީރާއާ ވާހަކަނުދެއްކިޔަސް އަހަރެން ވަދެލަން ބޭނުން. ނީރާ ދުށުމަށް. އެއަށްފަހު ކޮޓަރިއަށް ހިނގައިދާނަން." ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން އީހާނު ވާހަކަދެއްކިއެވެ. ލަމްހާ އައިސް ކޮޓަރިއަށް ދޮރުހުޅުވާލުމުން އީހާނު އެތެރެއަށް ވަނެވެ. ނަމަވެސް އެނދާ ކައިރިއަށް އީހާނު ޖެހިލަން ވާއިރަށް ލަމްހާ އޭނާ ހުއްޓުވިއެވެ. އީހާނު ނީރާދެކެ ލޯބިވާކަމުގެ ހުރިހާ ލިސާނެއް ލަމްހާއަށް ފެނެއެވެ. އިރުކޮޅަކު ނީރާއަށް ބަލަން ހުރެފައި އީހާނު ނުކުތީއެވެ. އެނބުރި އޭނާގެ ކޮޓަރިއަށް ވަންނަންދެން ލަމްހާ ބަލަން ހުއްޓެވެ. އޭނާގެ ދެ ލޮލުން ކަރުނަތައް އޮހިގަތީ ދެނެވެ. ސުޖާއުގެ ކައިރިއަށް އައިސް އެ މޭގައި އޭނާ މޫނު ފޮރުވާލިއެވެ.

"ލަމްހާ..." ސުޖާއު ގޮވާލިއެވެ.

"އީހާނު އެހުރީ ނީރާއާ ހެދި ދީވާނާވެފަ." ލޯ ފުހެމުން ލަމްހާ ބުންޏެވެ.

"ނީރާއަށް ކަމެއްކުރީތަ؟" ލަމްހާ ގާތްކޮށްލައިގެން ސޯފާގައި އިން ސުޖާއު ވާހަކަދެއްކިއެވެ.

"ނޭނގި ނަމަވެސް ބޮޑު ގޯހެއް ހެދިއްޖެ. ނީރާއަށް ކަމެއްނުވަނީސް އެނގުނީތީ ﷲއަށް ހަމްދުކުރަން. އެކުއްޖާ އެވަނީ ކޮންފަދަ މަޖުބޫރީއެއްގެ ތެރޭ. އީހާނު އަހަރެމެންނަށް ވެސް އޮޅުވާލީ. ސުޖާއު... ނީރާގެ މިނިވަންކަން އެކުއްޖާއަށް އަނބުރާ ހޯދައިދޭން އަހަރެންގެ މައިވަންތަކަން އެދޭ. ހަމަ އެ މައިވަންތަކަން އަހަރެންގެ އީހާނުގެ ލޯބި ލިބުމަށް ވެސް އެދޭ. ދެރަވަނީ އެތަނުން އެއްކުއްޖެއްގެ ހިތް ހަލާކުވާނެތީ." ލަމްހާ ރޮމުން ވާހަކަދެއްކިއެވެ.

ނަފްސު ހަމައަކަށް އެޅޭން ވަގުތު ނެގިއެވެ. ސުޖާއު އެންމެ ހިނދުކޮޅަކަށް ވެސް ލަމްހާއާ ދުރަށް ނުދެއެވެ. ލަމްހާ ދެއްކި ހުރިހާ ވާހަކައަކާ މެދު އޭނާ ވެސް ވިސްނިއެވެ. ފިރިމީހާއާއެކު ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ލަމްހާ ގަސްދުކުރާ ގޮތް ހާމަކުރިއެވެ. އޭނާ މިރޭ ނީރާއާއެކު އެ ކޮޓަރީގައި އޮންނަން ބޭނުންވާކަން ބުންޏެވެ. ނީރާ އެކަނި ދޫކޮށްލާން ނުކެރިގެންނެވެ. އީހާނުގެ ގޮތް އެނގޭތީއެވެ. ލަމްހާއާ ޖަދަލުނުކުރާން އޭނާ ދިޔަޔަސް އެންމެން ކޮޓަރިތަކަށް ވަދެ ހިމޭންވާ ހިނދުން އީހާނު ނުކުންނާނެކަން ލަމްހާއަށް އެނގެނީއެވެ. އޭނާ ނީރާގެ ކައިރިއަށް ވަންނާނެކަން ޔަގީންވަނީއެވެ. އެ ފުރުސަތުދޭން ލަމްހާ ނޭދެއެވެ.

"އަހަންނަށް އެންމެ ރަނގަޅު. ނީރާ ވަރަށް ރޮއިފި. ލަމްއާ ކައިވެނިކޮށްގެން މިވީ އަހަރުތަކުގައި އެކުއްޖާ އެވަރަށް ރޮނިކޮށް ނުދެކެން. ލަމް އެކުއްޖާދެކެ ލޯބިވާވަރު އެނގޭ. މީހަކު ލޯބިން މަރުވާފަދަ ކުއްޖެއް އެއީ. އެކަމަކު ބަލަބަލާ ތިއްބާ އެކުއްޖާ މުޅީން ބަދަލުވެއްޖެ. ނީރާއަށް ލަމްގެ އެހީތެރިކަން ބޭނުންވާނެ."

"އަހަރެމެން ނޫނީ އޭނާ ރައްކާތެރިކުރާނޭ ބަޔަކުނެތް." ލަމްހާ ބުނެލިއެވެ.

ލަމްހާ ލަފާ ކުރި ފަދައިން ގޭތެރެ ހިމޭންވާހާއިރު ކޮށްފައި އީހާނު ކޮޓަރިން ނުކުތެވެ. ގޭތެރެއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގައި އެންމެން ނިދީކަން އީހާނު ޔަގީންކުރިއެވެ. އޭނާ ސިއްރުން އައިސް ނީރާގެ ކޮޓަރިއަށް ވަންނަން އުޅުނެވެ. ދޮރު ތަޅުލާފައި ހުރިކަން އެނގުމުން ހިތްހަމަނުޖެހުނެވެ. ތަޅުދަނޑިފަތިވީ ލަމްހާ އަތުގައިކަން އެނގުމުން ވަކިން ބޮޑަށް އީހާނު މާޔޫސްވިއެވެ. ފިކުރުތަކަށް ގެއްލިފައި ސޯފާގައި އީހާނު އިނެވެ.

"އެ އަނދިރީގަ ނީރާއާ ލައިޒަލް ބައްދަލުކުރީތަ؟ ކުއްލިއަކަށް ކަރަންޓުދާންވީ ކީއްވެ؟. ނީރާ ނުކުމެގެން ދިޔަކަން އެކަކަށް ވެސް ނޭނގޭ. ނީރާ ކޮޓަރިއަށް ދިޔައިރު އަހަރެމެން ކައިރީ ނެތީ ލައިޒަލް އެކަނި. ނޫން... ލައިޒަލް ދިޔަތާ ގިނައިރެއްނުވެ ކީފާ ދިޔަ."

ލައިޒަލްގެ އެޕާޓްމެންޓުގައި ހިނގައިދިޔަ ކަންތައްތަކާމެދު އީހާނު ވިސްނިއެވެ. ނީރާއަށް ވީގޮތެއް އެވީ އެކަމުގެ ސަބަބުން ކަމުގައި އީހާނަށް ހީވަނީއެވެ. އެތައް އިރަކު ވިސްނަން އިނދެފައި އެނބުރި އީހާނު އައިސް ކޮޓަރިއަށް ވަނީއެވެ. ހިޔާލުތަކުގައި ފީނަމުން ތަންމަތީގައި ދެއަތަށް ފުރޮޅިފުރޮޅި އޮއްވާ އޭނާގެ ލޯ މެރުނީ ކޮންއިރަކު ކަމެއް ނުދެނަހުއްޓެވެ.

ފަތިހު ލަމްހާއާއެކު ނީރާ ތެދުވިއެވެ. ފަހަތުން ލަމްހާއާއެކު ފާހާނާއަށް ވައްދައި އެކުއްޖާ ލައްވާ ވުޟޫކުރުވައިގެން ނެރި ފަތިސް ނަމާދަށް އެރުވިއެވެ. އެފަދައިން ލަމްހާ ކަންތައްކުރުން ހުއްޓާލީ ފުރާވަރަށް ނީރާ އެޅީމައެވެ. ރޭ އެ ކޮޓަރިން ލަމްހާ ނުކުތީ ރޮއެރޮއެ ވަރުބަލިވެގެން ނީރާއަށް ނިދުނުއިރު ވެސް އެކުއްޖާ ގިސްލާއަޑު ލަމްހާއަށް އިވިއިވި ހުއްޓައެވެ. ނުކުމެ އީހާނު ކޮޓަރިއަށް ފޮނުވާލައި ފިރިމީހާއަށް ހުރިހާ ވާހަކައެއް ލަމްހާ ހިއްސާކުރިއެވެ. ދެން ކަންތައްކުރަންވީ ކިހިނެއްކަން ވެސް ލަމްހާގެ ހިތުގައިވަނީ ރާވާފައެވެ.

"ސައިތަށި ހިހޫ ނުވަނީސް ބޯލާ." ބަދިގޭ އައިލެންޑް ދޮށުގައި އިން ނީރާގެ ކޮނޑުގައި ލަމްހާ ފިރުމާލިއެވެ.

"މަންމަ އޯކޭތަ؟." އަހަން ނުކެރިފައި އިނދެފައި ލަމްހާ ވާހަކަ ދެއްކުމުން ނީރާ އަވަހަށް ބުނެލިއެވެ. ލަމްހާ ފުރަތަމަ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.

"ދެން އިރާދަކުރެއްވިއްޔާ ވާނީ ރަނގަޅު. ދަރިފުޅު ކަންބޮޑުވާކަށް ނުޖެހޭނެ." ނީރާގެ ކޮލުގައި ލޯބިން ލަމްހާ ފިރުމާލިއެވެ.

އިސްޖަހާލަމުން ސައިޖޯޑު ދެއަތުން ހިފަހައްޓާލި ނީރާއަށް އެ ބަސްތަކުން ހަގީގީ އުފާވެރިކަމެއް ނުލިބުނެވެ. އީހާނުގެ ކައިރިން މިނިވަންކަން ލިބުނަސް އޭނާއަށް ދެން ލޯތްބެއް ހާސިލެއް ނުވާނެއެވެ. ދެން ޖެހޭނީ ތަގްދީރުގެ އެ ނިންމުމާމެދު ރުހިގެން ދިރިއުޅުމުގައިގެން ކުރިއަށް ދާށެވެ.

ހޭލެވުނު ގޮތަށް ފޯނުން އީހާނު ގަޑި ބަލާލިއެވެ. މެންދުރުވަނީއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ލައިޒަލް ފޮނުވާފައި ހުރި ވަޓްސްއެޕް މެސެޖުތަކެވެ. ހުޅުވާ ބަލާލުމާއެކު އީހާނަށް ހީވީ އޭނާގެ މުޅި ހަށިގަނޑަށް ހޮނިއެޅީ ހެނެވެ. ތެޅިގަނެފައި އޭނާ ފުންމައިގެން އެނދުން ތެދުވިއެވެ. އަލުން ފަށައިގެން މެސެޖުތައް ބަލަން ފެށިއެވެ. ދެ ވީޑިއޯއާއި ހަ ފޮޓޯ ލައިޒަލް ފޮނުވާފައިވާއިރު އެކަމާ ގުޅުވާ އޭނާ ވާހަކަދައްކާފައި ހުއްޓެވެ. އީހާނަށް ދަތްކުނޑިވިކާލެވުނެވެ. ވަޓްސްއެޕުން ނުކުތުމާއެކު އީހާނު ތެދުވެ ކޮޓަރިން ނުކުންނަން އައެވެ. ނީރާއާ ވާހަކަދައްކަން ގަސްދުކޮށެވެ. ފެނުނު މަންޒަރުތަކުން އީހާނުގެ ބުއްދިފިލާ ނުދިޔައީ ކިރިޔާއެވެ.

ބަދިގޭގައި މަންމަ ހަރަކާތްތެރިވަމުންދިޔައިރު ފެންނަ ހިސާބު ސިޓިންރޫމު ސޯފާގައި ނީރާ އޮށޯވެލައިގެން އޮތްތަން އީހާނަށް ފެނުނެވެ. ބޯދަށަށް ކުޝަން ލައްވާލައިގެން ދެ ލޯ މަރާލައިގެން އޮތް ގޮތުން ހީވަނީ ނީރާ ނިދާފައި އޮތީ ހެނެވެ. އީހާނު ފެނުމާއެކު ލަމްހާ ނިކަން އަވަހަށް ގޮވާލައިފިއެވެ. (ނުނިމޭ)