- ފާސްކުރަން ފެށީ ވިޔަފާރިއަށް ފުދޭ ވަރަށް މުދާ ގެންދާކަމަށް ބުނެ
- ފާސްކުރި އިރު އެއްވެސް ކަމެއް ފާހަގައެއް ނުވޭ
- ފުދޭ ވަރަށް ކާބޯތަކެތި ގެންދަން ދެން ހުރަހެއް ނެތް
ސްރީލަންކާއަށް ދާ ދިވެހިން ފާސްކުރުމުގައި އެގައުމުގެ ކަސްޓަމްސް އިން ގެންގުޅުން ހަރުކަށި އުސޫލު ދޫކޮށްލަން އެއްބަސްވެއްޖެ އެވެ.
ސްރީލަންކާގެ ކަސްޓަމްސް އިން އެ ކަމުގެ ޔަގީންކަން ރާއްޖެއަށް ދީފައި ވަނީ، ދިވެހިންގެ ގިނަ ބަޔަކު ހުއްޓުވައި އިތުރަށް ބަލައި ފާސް ކުރަން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަސްޓަމްގެ ކޮމިޝަނަރ ޖެނަަރަލް މުހައްމަދު ޖުނައިދު އާއި ލަންކާގެ ފިނޭން މިނިސްޓަރު ރަވީ ކުނަރަޔާ އަދި ލަންކާ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ސެމަސިންގްއާ އެކު މިއަދު ހެނދުނު ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.
މިބައްދަލުވުމުގައި ޖުނައިދުގެ ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ކަސްޓަމްސް އިން ބުނީ މިއީ ލަންކާއަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި ޗެކް ކުރުން އިތުރު ކުރުމުގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ދަތިތަކެއް ކުރިމަތިވާ ކަން ޖުނައިދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ލަންކާ ފިނޭންސް މިނިސްޓަރު އެ ބައްދަލުވުމުގައި ވިދާޅުވީ ދިވެހިން އިތުރަށް ބަލައި ފާސްކުރަނީ ބައެއް ފަރާތުން ވިޔަފާރީގެ މުދަލުގެ ގޮތުގައި ބެލެވޭ މިންވަރަށް ތަކެތި ގެންނަކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެގޮތަށް ކަން ހިނގާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު ދެންނެވި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
"އެހެން ކަމުން ދިވެހި ޕަސަންޖަރުންނަށް ކުރިޔެކޭވެސް އެއްފަދައިން ވީހާވެސް ލުއިފަސޭހަ ގޮތަކަށް ބަލާފާސްކުރުމުގެ މަރުހަލާކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަންދެން،" ލަންކާ ފިނޭންސް މިނިސްޓަރުގެ ވިދާޅުވި އެވެ.
މިދުވަސް ވަރަކީ ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކުރަމުންދާ ދުވަސްވަަކަށްވާތީ ކާބޯތަކެތި ގެންދާއިރު އެމީހަކު އަމިއްލަ ބޭނުމަށް ފުދޭ މިންވަރަށްވުރެއް އިތުރަށް ތަކެތި ނުގެންދެވުމަށް ލަންކާ އިން އިލްތިމާސް ކުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.