ހަބަރު

ރާއްޖެއިން ބޭރު ކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި

Sep 3, 2019
1

ވައިގެ މަގުން ރާއްޖެއިން ސްރީލަންކާއަށް ބޭރު ކުރަން އުޅުނު ޑުރަގްސް ތަކެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ވައިގެ މަގުން ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ބޭރު ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެތަކެތި އަތުލައިގެންފައި ވަނީ ޕާރުސަލްތަކެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 99 ގުޅަ ފެނިފައިވާ ކަމަށާއި އޭގެ އަގު ގާތްގަނޑަކަށް 79،200 ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު ތަކެތި ޓެސްޓް ކުރުމުން އެކްސްޓަސީއަށް ޕޮޒިޓިވް ވެފައި ވެއެވެ. މިހާރު ފުލުހުން ތަހުގީގެއް ފަށާފައިވާ މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ.

މިއަހަރު މިހާތަނަށް ކަސްޓަމްސް އިން ވަނީ 23.686 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.