އޮޑިޓާ ޖެނެރަލް އޮފީސް

ދިވެހި އެކައުންޓެންޓުން ތަމްރީންކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

Oct 5, 2021
1

ދިވެހި އެކައުންޓެންޓުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި އިންސްޓިޓުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. ސީއޭ މޯލްޑިވްސް ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރި ގޮތުން އެކައުންޓެންޓުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ތަމްރީން ވެފައިވާ މީހުން މަދުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކައުންޓިންގެ ދާއިރާ އަށް ބޭނުންވާ މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކައުންޓެންޓުންނަކީ ޔަގީންކަމާއި އެކު ރަނގަޅު އާމްދަނީއެއް ލިބޭނެ ބައެއް ކަމަށެވެ. އެހެންވެ ދާއިރާ އަށް ބޭނުންވާ މީހުން ބިނާކުރުމަށް މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވީ ދިވެހި އިގްތިސޯދު ފުޅާވަމުންދާއިރު އެކައުންޓިންގެ ދާއިރާގައި ދިވެހިން ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމަށެވެ.

ސީއޭ މޯލްޑިވްސް އިން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރީތަކުގައި ގާތްގަނޑަކަށް 5،000 ބޭރުގެ އެކައުންޓެންޓުން މަސައްކަތް ކުރަމުންދާ ކަން އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހިން ތަމްރީން ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާ އަދި އެހެން ބައެއް ފަރާތްތަކާ ވެސް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސީއޭ މޯލްޑިވްސް އިން މިހާރު ވަނީ އެކައުންޓިންއާ ގުޅޭ ތައުލީމާއި ތަމްރީންތައް ދެމުންދާ އިދާރާތަކާ ގުޅިގެން ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށް މަޝްވަރާ ފަށާފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ގެންދަނީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ވޯލްޑް ބޭންކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.