އެމްއެންޑީއެފް

ހާލު ޖެހުނު ބޯޓުގެ ފަޅުވެރިން އެހެން ބޯޓަކަށް ނަގައިފި

އިއްޔެ އިންޑިއާގެ ޓުޓިކޮރިން އިން މާލެ ދަތުރު ކުރަނިކޮށް އަޑިޔަށް ދާން ފެށި ބޯޓު، "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ގައި ތިބި ފަޅުވެރިން އެހެން ބޯޓަކުން ސަލާމަތް ކޮށްފި އެވެ.

ސިފައިންގެއިން ބުނީ އަޑިއަށް ދާން ފެށި އެ ބޯޓަކީ ރާއްޖެއާއި ވަރަށް ދުރުގައި އޮތް ބޯޓެއް ކަމަށެވެ. އެހީވާން ރާއްޖޭގެ ސިފައިން އެ ސަރަހައްދަށް ދިއުމުގެ ކުރިން އެހެން ގައުމެއްގެ ބޯޓަކުން އެ ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ. ރާއްޖެއިން އެހީވާން ދިޔަ ސިފައިން އަނބުރާ އައުމުގެ މަގުމަތީގައި ތިބި ކަމަށް ވެސް ބުންޏެވެ.

އަޑިޔަށް ދިޔަ ބޯޓުގައި ނުވަ ފަޅުވެރިން ތިއްބެވެ. އޭގައި ދިވެހިން ތިބި ކަމެއް ސާފެއް ނުވެއެވެ. ސިފައިންގެއިން ބުނީ އެހެން ގައުމެއްގެ ބޯޓަކުން މީހުން ސަލާމަތް ކުރުމުން އެ މީހުންގެ ހާލު ސާފު ވެފައި ނުވާ ކަމަށާއި މީހުން ސަލާމަތްކުރި ބޯޓުގެ މައުލޫމާތު ވެސް ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

އޮކްޓޯބަރު ދެވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރު ކުރި ބޯޓް، ޅ. އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ އިއްޔެ ހަވީރު އެެވެ. އެ ބޯޓަކީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ.