ހައިކޯޓަށް ހުށަހަޅާ މައްސަލަތައް އޮތް ހިސާބެއް ބަލައިލެވޭ ގޮތަށް އެ ކޯޓުގެ އާ ވެބްސައިޓް ލޯންޗްކޮށްފި އެވެ.
ހައިކޯޓުން އެ ބަދަލު ގެނައީ އެ ކޯޓުގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރޭގެ ވަގުތެއްގަ އެވެ.
ވެބްސައިޓުގައި އަލަށް ހިމެނި "ހައިކޯޓުގެ ރަޖިސްޓްރީ" ފީޗާގެ ސަބަބުން މައްސަލައެއް ހައިކޯޓަށް ހުށަހެޅުމާ އެކު ދައުވާ ރައްދުވާ ފަރާތަށް އެ މައްސަލަ އޮތް ހިސާބު ފަސޭހައިން ބަލައިލެވޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޯޓަށް މައްސަލަ ހުށަހެޅުމުން ރައްދުވާ ފަރާތަށް އެކަން ނޭނގި އޮންނަ އޮތުމަށް އާ ފީޗާގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
"ހަގީގަތުގައި މިއީ ވަރަށް މުހިއްމު ބޭނުންތެރި ބަދަލަކަށް ވާނެ. މައްސަލަ އޮތް ހިސާބެއް ވަގުތުން ބަލައިލުމަކީ ރައްދުވާ ފަރާތަށްވެސް ލިބޭނެ ހިތްހަމަޖެހުމެއް،" އަމީން ވިދާޅުވި އެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު އެ މައްސަލައެއް އޮތް ހިސާބެއް ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެ ގޮތެއް ހައިކޯޓު ފިޔަވާ އެހެން އެއްވެސް ކޯޓަކު އަދި ހަމަޖެހިފައެއް ނުވެ އެވެ.
ކޯޓުތަކުގެ ނިންމުންތައް އާންމުކޮށް ފެންނާނެ ގޮތަށް ހުރުމަކީ ކޯޓުތަކާ ބެހޭ ގާނޫނު ލާޒިމް ކުރާ ކަމެކެވެ. އެހެން ކޯޓު ތަކަށް ވުރެ އަވަހަށް ހައިކޯޓުން ނިންމުންތައް އާންމުކުރާ ކަން ވެސް ފާހަގަކުރެވެ އެވެ.