ހުޅުމާލެ

ހުޅުމާލޭގައި ދެ ސްކޫލު އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ދެ ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި ދެ ސްކޫލު އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހު އެެވެ. ނަމަވެސް އެެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭކަމަށް ބުނެ އިއްޔެ ވަނީ އަނެއްކާވެސް އެކަން ކޮށްދޭން ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބޭނުންވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ދެ ސްކޫލެއް ޑިޒަައިންކޮށް އިމާރަތް ކުރާށެވެ.

އެ މަސައްކަތަށް ރާއްޖެެއާއި ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭ އިރު އެކަމަށް ބީލަށް ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތައް އިތުރުވަމުން އަންނައިރު ދެވަަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ވަނީ ނިންމައިފަ އެވެ. އަދި ބައެއް ސްކޫލުތައް އެޅުމަށް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލުތައް ވެސް ހިމެނެ އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ޕްރައިވެޓް ސްކޫލެއް އަޅަން އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.