ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ ފަސް ރަށަކަށް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ހުށަހެޅުނު، ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.

އެގޮތުން އެހީ ލިބޭ ޕްރޮޖެކްޓްތަކަކީ ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން، ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން، ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން، ނ. މާޅެންދޫގައި މަސްކަނޑާ ތަނެއް ތަރައްގީކުރުން އަދި ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނު ކަމަށާއި އެކަމުން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ކަމަށެވެ.

"މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން." ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.