ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ހިންގި ދެ މަޝްރޫއެއް ނިންމާލައިފި

Mar 26, 2022

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން ހއ. ތަކަންދޫއާއި ލ. ފޮނަދޫގައި ކުރިއަށް ގެންދިޔަ ދެ މަޝްރޫއެއް ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން ތަކަންދޫ ސްކޫލުގެ ހުސް ޖާގައިގައި އަދި އެ ރަށުގެ އެކި ހިސާބުތަކުގައި ފޮތް ހަރުގަނޑުތަކެއް ބަހައްޓައި އައުޓްޑޯ ރީޑިން ސަރަހައްދުތަކެއް ވަނީ ހަދާފަ އެވެ. އެ ތަންތަން ހަދާފައިވަނީ ހިޔާ ވެގެން ތިބޭވޭ ގޮތަށް ޓެންޓް ތަކެއް ވެސް ހިމެނޭ ގޮތަށެވެ.

ލ. ފޮނަދޫގައިވެސް ގާއިމުކޮށްފައިވަނީ އައުޓްޑޯ ރީޑިން ސަރަހައްދެކެވެ. އެ ތަން ހަދާފައިވަނީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭރުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ބަހައްޓައިގެންނެވެ.

ތަކަންދޫގެ އައުޓްޑޯ ރީޑިން ސަރަހައްދާ ގުޅޭ ގޮތުން ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ބުނެފައިވަނީ ތަކަންދޫގައި ލައިބްރަރީ ގާއިމުކޮށްފައި ހުރި ސްކޫލުގެ އޮފީސް ބައިގައި ކަމަށްވާތީ އޭރު ދިމާވި ޖާގައިގެ ދަތިކަމަށް މިހާރު ހައްލުތަކެއް ލިބޭނެ ކަމަށެވެ. އަދި އައުޓްޑޯ ލައިބްރަރީއެއްގެ ސަބަބުން ދަރިވަރުންނަށް ހިތްހަމަޖެހޭ މާހައުލަކާއި އެކަށީގެންވާ ޖާގަ ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފޮނަދޫ އައުޓްޑޯ ރީޑިން ލައިބްރަރީއާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާ ތަމްސީލް ކުރާ ފާތިމަތު ޝަހީދާ ވިދާޅުވީ އައުޓްޑޯ ރީޑިން ލައިބްރަރީ އަކީ ވަރަށް މުހިއްމު އަދި ދަރިވަރުންނަށް ބޭނުންތެރި ތަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް 65 މަޝްރޫއެއް ވަނީ ހިންގާފަ އެވެ.