އެފްއޭއެމް

ބަންގާޅު ނޫސްވެރިޔާއަށް ހުރަސްއެޅި އޮފިޝަލަށް ފިޔަވަޅު އަޅަނީ

ރާއްޖެ - ބަންގާޅު ބައްދަލު ކުރާ މެޗާއި ގުޅޭ ކަވަރޭޖް ހަދަން އުޅުނު ބަންގާޅުގެ ނޫސްވެރިޔާއަށް ހުރަސްއެޅި އެފްއޭއެމްގެ އޮފިޝަލަށް ފިޔަވަޅު އަޅާނެ ކަމަށް އެމްއޭއެފްގެ ރައީސް ބައްސާމް އަދީލު ޖަލީލު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ސާފުޗެންޕިއަންޝިޕްގެ ކަވަރޭޖަށް ބަންގާޅުގެ ބައެއް ނޫސްވެރިންނާއި ޓީވީ ކްރޫއެއް ވަނީ ރާއްޖެ އައިސްފައެވެ. މި މުބާރާތުގައި މާދަމާ ރޭ ބައްދަލު ކުރާނީ ރާއްޖެ އާއި ބަންގާޅެވެ. މި މެޗުގެ ޓިކެޓް ވިއްކަން ފެށިއިރު ބަންގާޅުގެ ވަރަށް ގިނަ ރައްޔިތުން ތިބީ ދިގު ކިއުތައް ހަދައިގެންނެވެ. ނަމަވެސް ބަންގާޅުގެ ގިނަ ބަޔަކަށް ޓިކެޓް ނުލިބި އެ ގައުމަށް ހާއްސަކުރި ޓިކެޓް ހުސްވުމުން މައްސަލަ ހޫނުވިއެވެ.

އެކަން ބަންގާޅުގެ މީޑިއާތަކުން ވަރަށް ބޮޑަށް ގެނެސްދިނެވެ. އަދި ރާއްޖޭގައި ތިބި އެ ގައުމުގެ ނޫސްވެރިންގެ ތެރެއިން ޓީވީ ރިޕޯޓަރަކު ވަނީ ޓިކެޓް ވިއްކާ ކައުންޓަރު ކުރިމަތީ ހުރެ އެ ކަމާއި ގުޅޭގޮތުން މައުލޫމާތު ގެނެސްދީފައެވެ. އެގޮތުން ޓިކެޓް ވިކި ހުސްވީ ކަމަށް ބުނުމުން ކައުންޓަރުގައި ތިބި މީހުންނާ އޭނާ ސުވާލު ކުރެއެވެ. އަދި އެ ސަރަހައްދުގެ ހާލަތު ގޯސްވެފައިވަނިކޮށް އެފްއޭއެމްގެ އޮފިޝަލަކު ވަނީ އެ ނޫސް ރިޕޯޓަރުގެ ކަރުގައި އޮތް މީޑިއާ ފާސް އަތުލަން މަސައްކަތް ކޮށްފައެވެ.

އެ މަންޒަރު ފެންނަ ވީޑިއޯތަކާއެކު ބަންގާޅުގެ ޓީވީ ޗެނެލަކުން ވަނީ އެ ހަބަރު ރިޕޯޓްކޮށްފައެވެ. އަދި އެފްއޭއެމްގެ އޮފިޝަލަކު ހުރަސް އެޅި ކަމަށް ބުނެ މައުލޫމާތު ގެނެސްދީފައިވެއެވެ.

އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ބައްސާމް ވިދާޅުވީ ބަންގާޅުގެ ނޫސްވެރިޔާއަށް ހުރަސްއަޅާ އޭނާގެ ކާޑު އަތުލަން މަސައްކަތް ކުރި އޮފިޝަލަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެފްއޭއެމްގެ ނަމުގައި މައާފަށް އެދިފައިވެއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ޓިކެޓް ވިއްކާފައި ވާނީ ގަވައިދާ އެއްގޮތަށް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މުބާރާތުގައި ބޭނުން ކުރާ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާކޮށް އެއްބަސްވުމަށް ފަހު އެކުލަވާލާފައިވާ ގަވައިދެއް ކަމަށެވެ. އަދި މި މުބާރާތާއި މީގެ ކުރީގެ މުބާރާތްތަކުގެ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތީން ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ނިންމާފައި އޮތީ 200 ޓިކެޓް ކަމަށެވެ. އަދި މިހާރު އެހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ.