ހަބަރު

މިނިސްޓަރު އަދީބުގެ ފޭސްބުކް ޕޭޖް ވެރިފައި ކޮށްފި

ފޭސްބުކް އިން ޕޭޖް ވެރިފިކޭޝަން ދެނީ މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތަކާއި އަދި މަޝްހޫރު ބޮޑެތި ކުންފުނިތަކަށެވެ. ޕޭޖް ވެރިފިކޭޝަން ދެނީ އެ ޕޭޖެއް ނިސްބަތްވާ ފަރާތަކީ ހަގީގަތުގައި ވެސް އެ ސަހުސިއްޔަތެއްގެ ނޫނީ ކުންފުންޏަކުން ހިންގާ އަސްލު ޕޭޖްކަން ކަށަވަރުކޮށް ދިނުމަށެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަމާއި އެސްއީޒެޑް ބޯޑްގެ ޗެއާމަންކަން ވެސް ކުރައްވާ މިނިސްޓަރު އަދީބުގެ ޕޭޖް ވެރިފައި ކުރީއިރު، އެ ޕޭޖްގައި 9000 އަށް ވުރެ ގިނަ ފޭނުން އެބަ ތިއްބެވެ. އަދި އަދީބު ގެންދަވަނީ އޭނާގެ ޝުއޫރުތަކާއި ހިޔާލުތައް އަދި ހިންގަވާ ހަރަކާތްތަކާއި ގުޅޭ ފޮޓޯތައް އެ ޕޭޖްގައި ޕޯސްޓްކުރައްވަމުންނެވެ. 

އަދީބުގެ ސޯޝަލް މީޑިއާ ޓީމުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ ޕޭޖް ވެރިފައި ކުރުމަކީ އަދީބުގެ ސޯޝަލް މީޑިއާ ހަރަކާތްތަކަށް ލިބިގެން ދިޔަ އިތުރު ބާރެއް ކަމަށެވެ. އަދި އަދީބުގެ ޓްވިޓާ އެކައުންޓް ވެރިފައި ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަދީބުގެ ސޯޝަލް މީޑިއާ ހަރަކާތްތަކަށް އިސްކަން ދެއްވާ ބޭފުޅެއް އެއީ. އެހެން ވީމާ މިއީ އެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް އެހެން ހަރުފަތަކަށް ގެންދަން ލިބުނު ބާރެއް،" އޮފިޝަލް ވިދާޅުވި އެވެ. 

ފޭސްބުކްގެ ވެރިފިކޭޝަން ރާއްޖޭގައި ދީފައިވަނީ ވަރަށް މަދު ފަރާތްތަކަކަށެވެ. އޭގެ ތެރޭގައި ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ ހިމެނެ އެވެ.