އެސްޓީއޯ

ވީއައިއޭ އަށް ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އާކޮށްފި

Oct 6, 2021

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހިންގަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދިނުމަށް އެސްޓީއޯ އާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ހުޅުލޭގައި ހުންނަ އެމްއޭސީއެލްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެވެ.

އެސްޓީއޯ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭތާ އެތައް އަހަރެއް ވެފައިވާއިރު މިއަދު މުއްދަތު އިތުރުކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އެއް އަހަރާއި ހަ މަސް ދުވަހަށް ތެޔޮ ފޯރުކޮށްދޭނެ އެވެ.

އެސްޓީއޯ އިން ފޯރުކޮށްދޭނީ އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އާއި މެރިން ގޭސް އޮއިލް އަދި ޑީސެލް އެވެ.

އަތޮޅު ތެރޭގައި ހިންގަމުންދާ އެއާޕޯޓު ތަކުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކައްދޫ އަދި ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ ތެޔޮ ވެސް ފޯރުކޮށްދެނީ އެސްޓީއޯ އިންނެވެ.