ލައިފްސްޓައިލް

ފެޝަނަށް އުޅުނަސް ކުރު ސޯޓުބުރި ނުލާތި

ފެޝަނަކީ އަބަދުވެސް ބަދަލުވޭވޭ ހުންނަ އެއްޗެކެވެ. އަދި ޒުވާނުންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ އެ އިރެއްގައި އެންމެ ހިނގާ ފެޝަނަކަށް ހެދުން އަޅާށެވެ. ނަމަވެސް މާ ފެޝަންކޮށް ހެދުން އަޅަން ހަދައިގެން ފުރާނައަށް ގެއްލުންވާ ފަދަ ކަމެއް ވެދާނެ ކަމަކަށް އެކަކުވެސް ހިއެއް ނުކުރާނެ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގައި ދިރިއުޅޭ ސޭމް ނަމަކަށް ކިޔާ އަންހެނަކު ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ ވެސް ވަރަށް ފެޝަނަށް ލޯބިކުރާ މީހެކެވެ. އެހެންވެ އެއްދުވަހަކު ލޯބިވެރިޔާއާ ބައްދަލުކުރަން ދާން އޭނާ ވަރަށް ކުރުކުރު ސޯޓުބުރިއެއް ލިއެވެ. އަދި މި ސޯޓުބުރި ލައިގެން ގާތްގަނޑަކަށް އަށް ގަޑިއިރު އޭނާ އުޅުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ސިއްހީ މައްސަލައެއް އޭނާ އަށް ކުރިމަތިވީ ކަމަށް ސޭމް ބުންޏެވެ.

ސޭމް، 25، ބުނި ގޮތުގައި ލޯބިވެރިޔާއާ އެކު ޑޭޓަކަށް ގޮސް އޭނާ އަށް ގަޑިއިރު ހޭދަކުރިއިރު ސޯޓު ލައިގެން އުޅެން އެހާ ފަސޭހައެއް ނުވި އެވެ. ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އޭނާއަށް އިހްސާސް ވަމުން ދިޔަ އެވެ. ނަމަވެސް ލޯބިވެރިޔާއާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްޓަކައި މި އުނދަގޫތައް ނުވާ ކަމަކަށް ހަދާލައިގެން އުޅުނީ އެވެ.

ސޭމް ބުނި ގޮތުގައި އޭގެ ފަހުން ދެ ދުވަހެއް ވީއިރު މި ސޯޓުގެ ކައްގަނޑު ޖެހޭ ހިސާބުން އޭނާގެ އުކުޅުވަޅާ ދިމާ މަށައިގެން ގޮސް އެތަނުގައި ވަރަށް ބޮޑަށް ރިއްސަން ފެށި ކަމަށެވެ. އެހެންވެ ޑޮކްޓަރަށް ދެއްކުމުން ހަމުގެ އިންފެކްޝަނެއް ހުރި ކަމަށް ބުނެ އެންޓީބައޮޓިކްސް ދިނެވެ.
ނަމަވެސް އަނެއް ދުވަސް ވީއިރު މާ ބޮޑަށް އެތަނުގައި ރިއްސާ އެއްގޮތަކަށް ވެސް ނުހިނގިގެން ހޮސްޕިޓަލަށް ދިއުމުން އޭނާއަށް ވަރަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެއެވެ.

ފަހުން ސާޖަރީ ހަދައި އެ އިންފެކްޝަން އުފެދިފައިވާ ބައިތައް ނަގައި އައިސީޔޫގައި ވެސް ގިނަ ދުވަސްތަކަކު އޮންނަން ޖެހުނު ކަމަށް ސޭމް ބުންޏެވެ.

ރަނގަޅުވެގެން ގެއަށް އައިތާ މަހެއް ފަހުން ވެސް އަނެއްކާ އިންފެކްޝަން އެނބުރި އައިސް ފަރުވާ ހޯދަން ޖެހުނު ކަމަށާއި މި ވާހަކަ އަހާފައި ގިނަ ބަޔަކަށް ބޮޑު ޝޮކެއް ލިބުނު ކަމަށް ސޭމް ބުންޏެވެ. އަދި ބައެއް މީހުންނަށް މިހެން ދިމާވި ކަމަށް ބުނެ އެމީހުންގެ ތަޖުރިބާތައް ވެސް ސޭމް އަށް ކިޔައިދީފައިވެ އެވެ.

ސޭމްގެ ނަސޭހަތަކީ އެއްވެސް މީހަކު ކުރު ސޯޓު ނުލުމެވެ. އަދި ސޯޓުލުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލައަކަށް ސަމާލުވުމެވެ.