ބޮލީވުޑް

ނޯރާ ފަތޭހީ އެންމެ ޅައިރު އުޅުނީ ވެއިޓަރަކަށް

ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ ވަރަށް އާދައިގެ މަސައްކަތްތައް ކުރުމަށްފަހު ފިލްމު އިންޑަސްޓްރީން ޖާގަ ހޯދައި ކުރިއަރައިފައިވާ މީހުންނެވެ.

ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތު އާއި އަކްޝޭ ކުމާރު ފަދަ އެކްޓަރުންނަކީ ރޭލްވޭ ސްޓޭޝަނުގައި ދަތުރުވެރިންގެ ފޮށި އުފުލާ ކޫލީންގެ މަސައްކަތާއި ރެސްޓޯރަންޓް ތަކުގެ ބަދިގޭގައި މަސައްކަތް ކޮށްފައި ތިބި މީހުންނެވެ. މިހާރު އަލަށް ވިދަމުން އަންނަ ބަތަލާ ނޯރާ ފަތޭހީ އަކީ ވެސް އެންމެ ޅައިރު ރެސްޓޯރެންޓެއްގައި ވެއިޓަރަކަށް އުޅުނު އެކްޓަރެކެވެ.

ރިއަލިޓީ ކުކިން ޝޯއެއްގައި ދާދިފަހުން ނޯރާ ބައިވެރިވި އެވެ. މި ޝޯގައި ނޯރާ ވަނީ ފާއިތުވީ ދުވަސްތަކުގައި އޭނާއަށް ކުރަން ޖެހުނު ތަޖުރިބާތަކާއި ކުރި ބުރަ މަސައްކަތްތައް ހިއްސާ ކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި އުމުރުން 16 އަހަރުގައި އޭނާ އުޅުނީ ކެނެޑާގެ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ވަޒީފާ ގައެވެ. އަދި 18 އަހަރު ފުރެންދެން މި ވަޒީފާ އަދާކުރުމުގައި ދެމިހުރި ކަމަށް ނޯރާ ބުންޏެވެ.

ނޯރާ ބުނާ ގޮތުގައި ވެއިޓަރެއްގެ ވަޒީފާއަކީ ވަކިން ފަސޭހަ ވަޒީފާއެއް ނޫނެވެ. ސަބަބަކީ ކެނެޑާ ކަހަލަ ގައުމެއްގައި ވެއިޓަރުކަން ކުރާއިރު ވަރަށް ރަނގަޅަށް އިނގިރޭސި އެނގެން ޖެހެ އެވެ. އަދި ހަނދާން ގަދަވުމުގެ އިތުރުން ރަނގަޅު ޝަޚްސިއްޔަތެއް ހުރި މީހެއް ކަމާއި ހަލުވިކަމާއި މުރާލިކަމާއެކު މަސައްކަތްކުރާ މީހަކަށް ވެސް ވާން ޖެހެ އެވެ. އަދި ބައެއް ފަހަރު ކަސްޓަމަރުން ވަރަށް ހިތްހަމަނުޖެހޭ ޒާތުގެ އެއްޗެތި ބުނާ ކަމަށާއި އެ ފަދަ ހާލަތުގައި ވެސް ރުޅިނައިސް މައްސަލަ ހައްލުކުރަން އެނގެން ޖެހޭ ކަމަށް ނޯރާ ބުންޏެވެ.

ނޯރާ އެންމެ ފަހުން ފެނިފައިވަނީ "ބޫޖް؛ ދަ ޕްރައިޑް އޮފް އިންޑިއާ"ގެ މުހިއްމު ރޯލަކުންނެވެ. "ޒާލިމާ ކޯކާ ކޯލާ"ކިޔާ ޑާންސް ލަވައެއް ވެސް މި ފިލްމުގައި އޭނާ ކުޅެފައި ވެއެވެ.

ނޯރާ އަކީ ކެނެޑާގައި ދިރިއުޅޭ މޮރޮކޯ ދެމަފިރިއެއްގެ ދަރިއެކެވެ. އަރަބި ނަސްލުގެ މުސްލިމަކަށް ވިޔަސް އޭނާ އިންޑިއާ އަށް އައިސް އުޅޭ ގޮތުން ވަރަށް ގިނަ ބައެއްގެ މަލާމާތް އަބަދުވެސް ނޯރާ އަށް ރައްދުވަމުންދެ އެވެ.