ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރީގައިވާ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ރަޓްމަލާނާ އެއާޕޯޓުން ދަތުރުތައް ފަށަން ތައްޔާރުވަމުން މިދަނީ އެ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލާފައިވާތާ ގާތްގަނޑަކަށް 50 އަހަރު ފަހުންނެވެ.
ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު އެވެ. ރާއްޖެ އިން ވެސް ރަޓްމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ހަމައެކަނި ދެކުނު އޭޝިއާގެ ގައުމުތަކަށް ރަޓްމަލާނާ އެއާޕޯޓް ހުޅުވާލާއިރު ފުރަތަމަ އެއް އަހަރަށް އެއާޕޯޓް ސާވިސް ޓެކްހާއި ފްލައިޓް ޕާކު ކުރުމަށް ނަގާ ފީ ފަދަ ބައެއް ކަހަލަ ފީތައް ނުނެގުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރަޓްމަލާނާ އެއާޕޯޓަކީ ރާއްޖެއާ ވެސް އެންމެ ގާތުގައިވާ ލަންކާގެ އެއާޕޯޓެވެ. އެހެންކަމުން ލަންކާ އިން ރާއްޖެއަށް ކުރާ މިދަތުރުގެ ވަގުތު އަވަސް ވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ދަތުރުތަކުގެ އަގަށް އަންނާނެ ބަދަލެއް އަދި އެނގިފައެއް ނުވެ އެވެ.
ރާއްޖެއާއި ލަންކާއާއި ދެމެދު މިހާރު ދަތުރުތައް ކުރަނީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ ލަންކާގައި އެންމެ ގިނަ ދިވެހން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެކެވެ.