މޯލްޑިވިއަން

މޯލްޑިވިއަން ސްރީލަންކާއަށް ދަތުރު ފަށައިފި

Mar 27, 2022

ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފެށީ މޯލްޑިވިއަން އިންނެވެ.

ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ރަތުމަލާނާ އެއާޕޯޓް) އަށް މިއަދު ފުރަތަމަ ފްލައިޓް ޖައްސާފައިވާއިރު މި ފްލައިޓުން ދަތުރުކުރި މީހުންނަށް މަރުހަބާ ކިޔަން ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އާއި ރާއްޖޭގެ އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

މޯލްޑިވިއަން އިން ސްރީލަންކާ އަށް ދަތުރު ފެށިއިރު ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. މި ދަތުރުތަކުގައި ރާއްޖޭން ފުރާނީ 6:00 އިރު އެވެ. އަދި ލަންކާއަށް ޖައްސާނީ 8:40 ގަ އެވެ. އަދި ލަންކާއިން ފުރާނީ 9:40 ގަ އެވެ. އަދި މި ފްލައިޓް ރާއްޖެއަށް ޖައްސާނީ 11:20 ގަ އެވެ.

ގައުމީ އެއާލައިން އިން މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ސްރީލަންކާއަށް ދަތުރު ފަށަން މަސައްކަތް ކުރި އެވެ، މި މަސައްކަތް ކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ގައުމީ އެއާލައިން އުދުއްސާ، އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމީ އެއީ ގިނަ ދިވެހިން އުޅޭ ސަރަހައްދަކަަށް ވާތީ އެވެ.