މޯލްޑިވިއަން

ރަތުމަލާނާ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

ސްރީލަންކާގެ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް، ރަތުމަލާނާގެ ދަތުރުތައް މިމަހުގެ 27 ވަނަ ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ނިންމައިފި އެވެ.

ރާއްޖެއާއި އެންމެ ގާތުގައި އޮތް ލަންކާގެ އެއާޕޯޓަކީ ވެސް ރަތުމަލާނާގެ މި އެއާޕޯޓެވެ.

އައިއޭއެސް އިން މިއަދު ބުނީ ލަންކާ ސަރުކާރުން ދެކުނު އޭޝިއާގެ ގައުމުތަކަށް ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލުމާ އެކު މި އެއާޕޯޓަށް ދަތުރުތައް ފެށުމުގެ މަޝްވަރާތައް އެ ކުންފުންޏާ އެކު ފެށި ކަމަށެވެ.

ރަތުމަލާނާގެ އެއާޕޯޓާ ކައިރި ސަރަހައްދުތަކުގައި ވަރަށް ގިނަ ދިވެހިން ދިރިއުޅުމަކީ މި އެއާޕޯޓަށް ދަތުރުތައް ފަށާ އެއް ސަބަބު ކަމަށާއި މިތުރުތަކުގެ ސަބަބުން ދިވެހިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އައިއޭއެސް އިން މައުލޫމާތުދެ އެވެ.

މި އެއާޕޯޓާ މާދުރު ނޫން ހިސާބުތަކުގައި ގާތްގަނޑަކަށް 9،000 ދިވެހިން ދިރިއުޅެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރަތުމަލާނާ އެއާޕޯޓަށް މިވަގުތު ދަތުރުތައް ޝެޑިއުލްކޮށްފައިވާ ތާރީހުތައް ވެސް އައިއޭއެސް އިން މިއަދު ހާމަކޮށްފައިވެ އެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހު ދަތުރުތައް ފެށުމަށްފަހު ދެން އެންމެ އަވަހަށް މޯލްޑިވިއަން، ރަތުމަލާނާ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. މީގެއިތުރުން 31 މާޗް އަދި ތިނެއް އޭޕްރީލްގައި ވެސް ދަތުރުކުރަން ހަމަޖެހިފައިވެ އެވެ.

މޯލްޑިވިއަންގެ ވެބްސައިޓް އަދި މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަނުން ރަތުމަލާނާ އެއާޕޯޓަށް ދަތުރުކުރުމަށްޓަކައި ބުކިން ހެއްދުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 299 ޑޮލަރެވެ.

މޯލްޑިވިއަންގެ ދަތުރުތައް މީގެކުރިން ކުރަމުން ދިޔައީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ވުރެ ރަތުމަލާނާ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ވަގުތު ކުރުވާނެ އެވެ.

ރަތުމަލާނާ އެއާޕޯޓަކީ ލަންކާގައި 1935 ވަނަ އަހަރު ގާއިމުކުރި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓެވެ. މިދިޔަ ގިނަ އަހަރުތަކުގައި މި އެއާޕޯޓް ބޭނުންކުރީ ޑޮމެސްޓިކް އޮޕަރޭޝަންތަކުގެ އިތުރުން ބައެއް ޕްރައިވެޓް ޖެޓުތަކަށެވެ. އަދި އެ އެއާޕޯޓުގައި ފްލައިޓު ސުކޫލު ވެސް ހިންގަ އެވެ.

ކޮވިޑް 19ގެ ހާލަތު ގޯސްވުމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ލަންކާ ބަންދުކޮށްފައި ބޭއްވުމަށްފަހު މިހާރު ވަނީ ހުޅުވާލާފަ އެވެ.