ބޮލީވުޑް

"މޮހެންޖޯ ޑަރޯ" ޝޫޓިންގައި ރިތިކް ރުޅިއައީ ކީއްވެ؟

Dec 1, 2015
1

މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކާގެ "މޮހެންޖޯ ޑަރޯ"ގެ މަސައްކަތްކުރަމުން އަންނަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

އެންމެ ފުރަތަމަ އިންސާނުން ދުނިޔޭގައި އުޅެން ފެށި ދުވަސްވަރަށް ބިނާކޮށްފައިވާ މިފިލްމަކީ ހުރިހާ ގޮތަކުން ވެސް ރިތިކަށް ވަރަށް ހާއްސަ ފިލްމެކެވެ.

މިއަހަރު ރިތިކްގެ ފިލްމެއް ރިލީޒްނުވާއިރު، މިފިލްމަށް ރިތިކް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން މިފިލްމުގެ މަންޒަރެއްގައި ރިތިކް 20 ފޫޓުގެ ބޮޑު ކިނބުލަކާއި ތަޅާފޮޅަ އެވެ. ދިރިހުރި ކިނބުލަކާއެކު މިމަންޒަރުތައް ނެގުމަކީ ނުވާނެ ކަމެއް ކަމަށް ވުމުން ފިލްމުގެ ޑައިރެކްޓަރު ވަނީ މިމަންޒަރު ރިމޯޓް ކޮންޓްރޯލް ރަބަރު ކިނބުލެއް ބޭނުންކޮށްގެން ޝޫޓްކޮށްފަ އެވެ.

ރިތިކް އާއި ކިނބޫ ތަޅާފޮޅާ މަންޒަރު ވީހާވެސް ބޮޑަކަށް އަސްލުކަމަށް ދެއްކުމުގެ ގޮތުން ފިލްމުގެ މަސައްކަތް ނިމުމުން ކޮމްޕިއުޓާ ގްރެޕިކްސްގެ އެހީގައި އެހުރިހާ ކަމެއް ކުރަން ނިންމާފައިވީ ނަމަވެސް މިމަންޒަރު ނަގަނިކޮށް ފިލްމުގެ ޓީމުން އާންމުކޮށްފައިވާ ފޮޓޯއަކުން ޓްވީޓާގައި ރިތިކް އަށް ގިނަ ބަޔަކު އަންނަނީ ޖޯކު ޖަހަމުންނެވެ.

ރިތިކްގެ ބާރުގަދަކަން ދައްކާލުމަށް ފިލްމުގެ ޓީމުން އާންމުކުރި ފޮޓޯއެއް ނަމަވެސް ހީކުރިގޮތާއި ހިލާފަށް ރިތިކް އަށް ރައްދުވެފައިވަނީ މަލާމާތެވެ.

އާންމުކޮށްފައިވާ ފޮޓޯއިން ފެންނަން އޮންނަ ރަބަރު ކިނބޫ އަސްލު އެއްޗަކާއި ވަރަށް ވައްތަރުކަމަށް ބުނެ ރިތިކަށް މީހުން ޖޯކުޖަހެމުން އެކަމާއި ރުޅިއައިސްގެން ވަނީ ޑައިރެކްޓަރު އާޝުތޯޝް ކައރީގައި އޭނާ އަށް މަލާމާތް ރައްދުވަމުން އަންނަ ކަމަށާއި އެމަންޒަރުތައް އަލުން ޝޫޓްކޮށް އެކިނބޫ ވީހާވެސް ބޮޑަކަށް އަސްލު އެއްޗަކާއި ވައްތަރުކުރަން އޭނާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އާޝުތޯޝް ވަނީ އެމަންޒަރުތައް އަލުން ޝޫޓް ނުކުރެވޭނަ ކަމަށް ބުނެފަ އެވެ. އާޝުތޯޝް ވަނީ ކުރީ ޒަމާނުގެ ތާރީޚީ ވާހަކަައެއްގެ މައްޗަށް ފިލްމެއް އުފެއްދުމަކީ ވރަށް އުނދަގޫ ކަމެއް ކަމަށާއި އަދި ރިތިކް އާއި ކިނބުލާއި ތަޅާފޮޅާ މަންޒަރު ނެގިފައިވަނީ ވަރަށް ފުރިހަމަ އަށް ކަމަށް ބުނެ އަލުން އެމަންޒަރު ޝޫޓްކުރަން ދެކޮޅު ހަދާފަ އެވެ.

ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ސޯޝަލް މީޑިއާގައި ރތިކަށް ބަޔަކު މީހުން ޖޯކުޖަހަމުން އަންނާތީ އޭ ކިޔާފައި ފިލްމުގެ ނަގާފައިވާ އެއްވެސް މަންޒަރެއް އަލުން ޝޫޓްކުރާކަށް އާޝުތޯޝް ބޭނުމެއް ނުވެ އެވެ.

މިކަމާ ގުޅިގެން ރިތިކް އާއި އާޝުތޯޝްއާ ދެމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ.

އެގޮތުން ރިތިކް ކުރާ މަސައްކަތަކާއި މެދު އޭނާ ހިތްހަމަނުޖެހިއްޖެނަމަ އޭނާ އަކީ އެކުގައި މަސައްކަތްކުރަން ވަރަށް އުނދަގޫ މީހެއް ކަމަށްވެ އެވެ. އެގޮތުން މިހާރު މިފލްމުގައި ނަގަމުން އަންނަ މަންޒަރުތަކުގެ ތެރޭގައި، ފިލްމުގެ ޓީމާއި ރިތިކް މާ ގުޅިގެން ނޫޅޭކަމަށްވެ އެވެ.

އެހެންނަމަވެސް ރިތިކް އާއި އެކި ގޮތްގޮތުން އާޝުތޯޝް ވާހަކަދެއްކުމަށްފަހު މިދެމީހުންވަނީ ފިލްމުގެ މިހާރު ނުނިމި ހުރި މަންޒަރުތައް ޝޫޓްކޮށް ނިމުމުން، އެމަންޒަރު އަލުން ޝޫޓްކުރާނެތޯ ނުވަތަ ނޫންތޯ ނިންމަން މަޑުޖައްސާލާފަ އެވެ.

އުންމީދުކުރިވަރަށް ވުރެން ގިނަ ދުވަހުން މިފިލްމުގެ ޝޫޓިން ދިގުލައިގެން ދިއުމުގެ ސަބަބުން އިތުރު ފިލްމުތައް ކުޅެން ރިތިކް އަށް ލިބިފައިވާ ބައެއް ހުށަހެޅުންތައް އަންނަނީ އޭނާ އަތުން ގެއްލެމުންނެވެ. އެގޮތުން ނިކިލް އަދްވާނީގެ "ބާޒާރް"ގެ ބަތަލަކަށް މިހާރު އަކްޝޭ ކުމާރު ވަނީ ހަމަޖައްސާފަ އެވެ.

"މޮހެންޖޯ ޑާރޯ" ގައި ރިތިކް އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ޕޫޖާ ހެގްޅޭ އެވެ.