ދުނިޔެ

އެމެރިކާއިން ސިފައިން ސިއްރިޔާތުގައި ޓައިވާން ސިފައިން ތަމްރީން ކުރަނީ

އެމެރިކާ ސިފައިން ޓައިވާންގައި އަސްކަރީ ތަމްރީންތަކެއް ހިންގަމުން އަންނަ ކަމަށް ވޯލް ސްޓްރީން ޖާނަލުން ބުނެފި އެވެ. އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުން ޗައިނާއާ ޓައިވާންއާ ދެމެދު ނުތަނަވަސްވެފައި އޮތް ދުވަސްވަރެއްގައި އެމެރިކާ ސިފައިން ސިއްރިޔާތުގައި ޓައިވާން ސިފައިން ތަމްރީން ކުރަމުން ގެންދާތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ޓައިވާންގައި އެމެރިކާ ސިފައިން ތިބި ތިބުމާ ބެހޭ ގޮތުން ޕެންޓަގަނުން ވާހަކައެއް ނުދައްކަ އެވެ. އަސްކަރީ ތަމްރީންތަކުގެ ލަނޑުދަނޑި އާއި ހާސިލް ކުރަން އެދޭ ވަކި ނަތީޖާއަކާ ބެހޭ ގޮތުން ވެސް ޕެންޓަގަނުން އެކައްޗެއް ވެސް ނުބުނެ އެވެ.

އެމެރިކާއިން ޓައިވާން ސިފައިން ތަމްރީން ކޮށްދެނީ ޗައިނާއިން ދީފާނެ ހަމަލާއަކުން ގައުމު ދިފާއު ކުރުމަށް ކަމަށް، މިކަން ހިގަމުންދާ ގޮތް އެނގޭ ފަރާތްތައް ނޫސްތަކަށް ކިޔައި ދެއވެ.

ޗައިނާއާ ޓައިވާންގެ މަޝްރަހު އޮތް ގޮތުން ބެލެވެނީ ޓައިވާންގައި އަސްކަރީ ތަމްރީންތަކެއް ހިންގާކަން ޗައިނާ ދެެނެހުރި ކަމަށެވެ. ޓައިވާންގެ ދިފާއީ ސަރަހައްދު ތެރެއަށް ޗައިނާގެ ފައިޓަރު ޖެެޓްތައް މިފަހަކަށް އައިސް މާގިނައިން ވަނުން ވެސް އޮތީ ބޮޑު ވައްސަލައަކަށް ވެފަ އެވެ.

ޓައިވާނަކީ އެމެރިކާއިން ޚާއްސަ ނަޒަރަކުން ބަލާ ތަނެކެވެ. ޓައިވާންގައި އެމެރިކާ ސިފައިން ގާއިމުވެ ތިބުމަކީ ވެސް އެމެރިކާއިން ކުރާހިތްވާ ކަމެކެވެ.

އެމެރިކާއިން ޓައިވާން އަކީ ވަކި ގައުމެއް ގޮތުގައި ބަލައި މުއާމަލާތްކުރުން 1979 ގައި ހުއްޓާލުމުގެ ކުރިން އެމެރިކާގެ އަސްކަރީ މަދަދުވެރިކަން ޓާއިވާނަށް ލިބެމުން ދިއަ އެވެ. އެެހެން ނަމަވެސް 1979 އަށް ޓައިވާނާ ގުޅުން ހުރި ކަންތައްތަކުގައި އެމެރިކާއިން މުއާމަލާތްކޮށް އުޅުނީ ބީޖިންއާ އެވެ.

އެމެރިކާ ސިފައިން ޓައިވާނަށް އަލުން ފޮނުވީ ޗައިނާއާ ޓައިވާންއާ ދެމެދު ގުޅުން ގޯސްވެ ހަނގުރާމައެއްގެ ކުލަވަރު ޖެހެން ފެށުމުންނެވެ. އެމެރިކާ ބުނާ ގޮތުން ވިސްނުމަކީ ޓައިވާން ހިމާޔަތްކުރުމެެވެ.

ޗައިނާ ބުނާ ގޮތުން އެމެރިކާއިން ޓައިވާނަށް އެހީތެރިވުމުގައި އޮތީ ޗައިނާއަށް އޮޮތް ދެކޮޅުވެރި ކަމެވެ. ޗައިނާގެ އެދުމަކީ އެމެރިކާއިން ޓައިވާނަށް އެއްގޮތަކަށް ވެސް އެހީތެރި ނުވުމެވެ. އަދި ޗައިނާއާ އެކު އޮތް ގުޅުން ޚަރާބުކުރަން ނޫން ގޮތަކަށް ޗައިނާ – ޓައިވާން މަސްލަހަތުގެ ގެރެއަށް އެމރިކާ ނުވަނުމަށް އޮތީ ގޮވާލާފަ އެވެ.