ބޭރު ކުޅިވަރު

ގާޑިއޯލާ ބަޔާންގައި މަޑުކުރާނީ އާއިލާއިން ބޭނުންވެގެން

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗުކަމުގައި ސްޕޭނުގެ ޕެޕް ގާޑިއޯލާ މަޑުކުރާނީ އޭނާގެ އާއިލާއިން އެކަމަށް ބޭނުންވާނަމަ ކަމަށް ބުނެފި އެވެ.

ބާސެލޯނާގެ ކުރީގެ ކާމިޔާބު ބުނީ އޭނާ މިއުނިކްގައި މަޑުކުރަންވީ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"މިއީ ވަރަށް ހިތްހަމަޖެހޭ ސިޓީ އެއް. އަހަރެން މި ތަނަށް ލޯބިކުރަން. އަދި އަހަރެންގެ އާއިލާވެސް. އަހަރެން މިތަނުގައި މަޑުކުރާނަމަ އެކަމަށް ވަރަށް ބޮޑު ސަބަބެއް އެބައޮތް. އެކަމަކު ޑިސެމްބަރު 12ގައި ހެނޯވާ މެޗަށް ފަހު އަހަރެންގެ ކުރިމަގާމެދު ވާހަކަ ދައްކަން މަޑުކުރާނީ،" ގާޑިއޯލާ ބުންޏެވެ.

ބަޔާން މިއުނިކާއެކު ހަދާފައިވާ ތިން އަހަރުގެ ކޮންޓްރެކްޓް މި ސީޒަނާއެކު ހަމަވާނެ އެވެ. އޭނާ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ މުއްސަދި ކުލަބު މެންޗެސްޓާ ސިޓީ އެވެ. އެކުލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ތިބީ އޭނާއާއެކު ބާސެލޯނާގައި މަސައްކަތް ކުރި ދެ މީހުންނެވެ.

ގާޑިއޯލާ ވަނި ބަޔާނުގައި މިދިޔަ ދެ ސީޒަނުގައި ފަސް ތަށި ކާމިޔާބުކޮށްފަ އެވެ. އޭނާ ބަހައްޓަން އެކުލަބުން ކިތަންމެ ބޭނުންވި ނަމަވެސް ކުލަބު ދޫކޮށް ކޯޗު ހިނގައިދާނެ ފަދަ އިޝާރާތެއް މިދިޔަ ހަފުތާގައި ޗީފް އެގްޒެކްޓިވް ކާލް ހެއިންޒް ރުމެނިގޭ ވަނީ ދީފަ އެވެ.

"ކުޅުންތެރިން އައިސްފައި ދާނެވެސްމެ. ހަމަ އެގޮތަށް ކޯޗުން ވެސް އައިސް ގޮސް ހަދާނެ. ގާޑިއޯލާ ހިނގައްޖެނަމަ އެއީ ދުނިޔޭގެ ފެންވަރުގެ މީހަކު ހޯދަންޖެހޭ ކަމެއް. އެއްވެސް މީހަކީ އެމީހެއްގެ ސަބަބުން އެ މަގާމު އަބަދަށް ހުސްވާނެ މީހެއްނޫން. ކޮންމެ މީހަކު ނެތްތަން ވެސް ފޫބެއްދޭނެ. ގާޑިއޯލާ ހިނގައްޖެނަމަ އެކަމާ ވިސްނަންޖެހޭނެ،" ރުމެނިގޭ ބުންޏެވެ.