ރ. ކިނޮޅަސް ބަނދަރުގެ ނެރުމައްޗަށް ވެލި އަރާ މައްސަލަ ހައްލުކުރުމަށް އެމްޓީސީސީ އިން މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.
ކިނޮޅަހުގެ ނެރުމައްޗަށް ވަރަށް ބޮޑަށް ވެލި އަރައި ބެދިފައިވުމުގެ ސަބަބުން، ރަށަށް އަރައި ފޭބުމަށް ވަނީ ހުރަސް އެޅިފަ އެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީ އިން ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހު އެރަށުގެ ބަނދަރަށް ވަދެ ނިކުތުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެމްޓީސީސީން އެރަށަށް ދާނެ ކަމަށެވެ.
ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ ތެރޭގައި މަޝްރޫއުގެ ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރި ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމަށް ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އެހެންކަމުން މިނިސްޓްރީއިން ޑައިރެކްޓްކޮށް އެމްޓީސީސީ އާއި މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބަނދަރަށް މި މައްސަލަ ދިމާވެ، ހައްލެއް ނުލިބޭތީ ރަށުގެ ރައްޔިތުން ވަނީ މިދިޔަ ބުދަ ދުވަހު އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. ވެލިގަނޑު ނެރުމައްޗަށް އަރާފައި އޮތުމުގެ ސަބަބުން އޮޑިދޯނިފަހަރަށް ހުރަސްތަކެއް އެޅޭތީ ރައްޔިތުން ގޮވަމުން ދިޔައީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.