ގއ. ނިލަންދޫ

ނިލަންދޫގައި އެއާޕޯޓެއް އަޅާނެތޯ ބެލުމަށް ރައީސް ސޯލިހާ ބައްދަލުކުރަނީ

Oct 8, 2021
1

ފ. ނިލަންދޫގައި ކުރީގެ ސަރުކާރުން އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމާ މެދު މިސަރުކާރުން ނިންމާފައިވާ ގޮތެއް އޮޅުންފިލުވުމަށް ނިލަންދޫ ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ހުށަހަޅައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމާ، އެކަމާ ގުޅޭ ސާވޭތަކާއި ދިރާސާތައް ކުރީގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެއާޕޯޓް މަޝްރޫއުގެ މައުލޫމާތު ސާފުކުރުމަށް މިހާރުގެ ކައުންސިލުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ފޮނުވި ސިޓީ ތަކަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

"މިރަށަށް ރައީސް ސޯލިހް ކެމްޕޭންގައި ވަޑައިގެންނެވިއިރު ވެސް ރައްޔިތުން އެއާޕޯޓާ މެދު ސުވާލުކުރި. އެކަމަކު ރައީސް ސީދާ ވިދާޅުވެފައެއް ނުވޭ މިރަށުގައި އެއާޕޯޓެއް އަޅާނެ ކަމަކަށް. އެކަމަކު ފ. އަތޮޅުގައި އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވި. އެހެންކަމަށް ވާނަމަ ފ. އަތޮޅުގައި އެއާޕޯޓް އަޅަން މިއީ އެންމެ ރަނގަޅު ރަށް،" އަލީ އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2018 އަދި 2019 އަހަރުގެ ބަޖެޓުގައި ވެސް ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ހިމެނި ކަމަށެވެ. ރަށުގެ ލޭންޑް ޔޫޒް ޕްލޭން މީގެކުރިން ހަދާފައިވަނީ އެއާޕޯޓް ހިމަނައިގެން ކަމަށާއި އެކަމަކު މިހާރުގެ ކައުންސިލުން ލޭންޑް ޔޫޒް ޕްލޭން ހަދާއިރު އެއާޕޯޓް ހިމެނުމާ މެދު ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދުމުން އެއާޕޯޓް ނުލައި އެ ޕްލޭން ހެދުމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެއާޕޯޓް މިރަށުގައި ހަދަން ސާވޭކޮށްފައި ބަޖެޓްގައި ހިމަނާފައި މިހާރު އެ މަޝްރޫއަށް ވާގޮތެއް ނޭގޭތީ ރައްޔިތުން ޝަކުވާ ކައުންސިލަށް ވެސް ލިބޭ،" އަލީ އަހްމަދު ވިދާޅުވި އެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޭނުންވާ މަސައްކަތް ކަމަށް ފާހަގަކުރައްވަމުން އަލީ އަހްމަދު ވިދާޅުވީ އެ މަސައްކަތުގެ މައުލޫމާތު ސާފުކުރުމަށް ރައީސް ސޯލިހާ ބައްދަލުކުރުމަށް ނިމުނު ހަފްތާގައި އެދިފައިވާނެ ކަމަށެވެ.

ނިލަންދޫގައި ކުރީގެ ސަރުކާރުން އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް މިސަރުކާރުން ކުރިއަށް ގެންދާނެތޯ ބެލުމަށް ނިލަންދޫ ކައުންސިލުން މަސައްކަތް ފަށާފައި މިވަނީ މިމަހުގެ ތިންވަނަ ދުވަހު ފ. މަގޫދޫ ކައުންސިލުން ރައީސް ސޯލިހާ ބައްދަލުކޮށް އެ ރަށުގައި އެއާޕޯޓެއް އަޅައިދިނުމަށް އެދިފައި ވަނިކޮށެވެ. އެކަމަކު މަގޫދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަކަށް ވެސް ރައީސް ސޯލިހު އެ ބައްދަލުވުމުގައި ވިދާޅުވެފައެއް ނުވެ އެވެ.