ރައީސް އަބްދުﷲ ޔާމީން

ބޮޑެތި އިނާޔަތާއެކު ބޭރަށް ވަޑައިގަތުމަށް ޔާމީނަށް ހުށައެޅި

ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ދައުވަތު ބައެއް ގައުމުތަކުން ވެސް ދެއްވި ކަމަށް އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ރައީސް ޔާމީން 600 ދުވަހު ޖަލުގައި ހުންނަވާފަ އެވެ. އެ މުއްދަތުގައި ސިއްހީ ބައެއް މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އެ ފުރުސަތު ސަރުކާރުން ދެއްވި އެވެ. އަދި އެެއް ފަހަރަށް ވުރެ ގިނަ ފަހަރު އެކަމަށް އެދިވަޑައިގެންނެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަ ދެންނެވުމަށް އިމްރާން ވަނީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ރައީސް ޔާމީން ނުހިތްޕަވަ އެވެ. އޭރު އެމަނިކުފާނު ވިދާޅުވީ "ފިއްލަވައިގެން ބޭރަށް ވަޑައިގެންނެވި ބޭފުޅެއް" ގެ ގޮތުގައި ދިވެހި ރައްޔިތުން އެމަނިކުފާނު ސިފަ ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ފަރުވާއަށް ވެސް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނީ "މައުސޫމް" ކަން ސާބިތު ވުމުން ކަމަށެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރޮގްރާމްގައި މިދިއަ ހުކުރު ދުވަހު އެމަނިކުފާނުގެ ވަކީލު ޖަމީލް ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ފޮނުވާލެއްވުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެހެން ގައުމުތަކުން ވެސް އެ ފުރުސަތު ދެއްވި ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލު ނުދެއްވާ ޖަމީލް ވިދާޅުވީ ހުށައެޅުން އައީ ބޮޑެތި އިނާޔާތްތަކާއެކު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ.

"މިއަދު ރައީސް ޔާމީން ސާބިތު ކޮށްދެއްވައިފި ކެރުމާއި ހިތްވަރު ވެސް އެބަހުރިކަން. އެހެން ނޫންނަމަ ސަރުކާރުން ކިހާ މަަސައްކަތެއް ކުރައްވައިފިތޯ މިސާލަކަށް މި ހުކުމާއި ގުޅިގެން ވެސް ގައުމުން ބޭރަށް ފޮނުވާލުމަށް ވެސް. އެހެން ގައުމުތަކުން ވެސް އެ ފުރުސަތު ދެއްވި، ބޮޑެތި އިނާޔާތްތަކާއެކު ވަޑައިގަތުމަށް،" ޖަމީލް ވިދާޅުވި އެވެ.

ކުރިއަަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާ އިންތިހާބު ކުރިމަތިވާއިރު އިންތިހާބުގެ ވާދަ ކުރަން އުނި ވާނެ އެއްވެސް ޝަރުތެއް އެމަނިކުފާނު ނޯންނާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ރާއްޖޭން ބޭރަށް ވަޑައިނުގެން ހުންނަވާ އެއް ސަބަބަކީ އެއީ ކަމަށް ދޭހަވާ މޭރުމަކުން ޖަމީލް ވާހަކަ ދެއްކެވިއެވެ.

ޖަމީލް ވިދާޅުވީ ސިޔާސީ މައިދާނުގައި ރައީސް ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެއްވެސް މަންޒަރެއް ފެނިވަޑައި ނުގަންނަވާ ކަމަށާއި އެއްވެސް ބަޔަކަށް ގަދަބާރުން ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި ބަޔަކު ކަންކުރާހާ ގޮތް ބަލަހައްޓައިގެން ރައްޔިތުން ނުތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހަމަ އެއްވެސް ދިމާއަކުން ބަލާ ބަލާ ނުފެނޭ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނޭ އެ ވިދާޅުވާ ބޭފުޅުން އެ ބަލާ މަންޒަރެއް އަޅުގަނޑަށް ނުފެނޭ އިނގޭތޯ. އެއީ ސަބަބުތަކެއް ވެސް ހުރެގެން. އެއީ މިއީވެސް ގައުމެއް. މި ގައުމުގައި ވެސް ކަންތައްތައް ހިނގާ ވަކި ތަރުތީބެއް އޮވޭ. ވަކި ކަންތައްތަކެއް ކުރެވޭނީ ވަކި ބަޔަކާ އެއްކޮށް. މިތާންގައި ޓޫރިޒަމްގެ ބޮޑު ކަމެއް ހިންގަންޏާ އަޅުގަނޑަށް އެނގޭ އެކަން ކުރެވޭނެ ހަތަރު ފަސް މީހެއްގެ ނަން. އެ މީހުން ނުހިމެނޭ ގޮތަށް މަޓީއެއް އެކުލަވާ ނުލެވޭނެ. އެހެންވީމަ ކުރިއަށް އޮތް ދިހަ ބާރަ އަހަރުގައި ރައީސް ޔާމީން، ރައީސް ނަޝީދު، އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މައުމޫން، މި ބޭބޭފުޅުންގެ ބަހަކާ ނުލާ މި ބޭފުޅުން ނުހިމެނޭ ގޮތަށް ހިނގާ އިންތިހާބެއް، އަޅުގަނޑަކަށް ނުފެނޭ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށާ އެމަނިކުފާނު ބައިވެރި ކުރާން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީއަކީ މިއަދު ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުން ކަމަށް ވިދާޅުވެ އިދިިކޮޅު ކޯލިޝަންގެ ރައްޔިތުޖްގެ ރުހުމެއް ނެތި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މި ފަޅީގެ [އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ] ރުހުމެއްް ނެތި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ. އެގޮތަކަށް ގަދަ ބާރުން ކަންކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ޑިމޮކްރަސީ މި އޮތީއެއް. އެއީ އެއް ކަންތައްތައް. ދެވަނަ ކަމަކީ މިކޮޅުގެ [އިދިކޮޅު] ރުހުން ލިބޭނީ ކިހިނެތް ހެއްޔޭ. އެ ރުހުން ލިބޭ ލީޑަރު އެ އިންތިހާބުގައި ބައިވެރި ކޮށްގެން. ދެން ބައެއް ބޭފުޅުން ކުރައްވާނެ ސުވާލެއް މިނިވަން ނުވެއްޖެއްޔާ ދެންވާނީ ކިހިނެތްހޭ. މިނިވަންވެސް ވާނެ. މިނިވަން ކުރަން ވެސް ކުރެވޭނެ. އަދި ކުރަންވެސް ޖެހޭނެ،"

ޖަމީލް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވެސް ފުރުސަތު ނުލިބޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ހީކުރި ކަމަށެވެ. ނަމަވެސް އިންތިހާބު ބޯމަތިވެގެން އައިއިރު ނަޝީދު ހުންނެވީ ރިޔާސީ ރޭހުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ޝަރުތުތަކާ ދޭތެރޭ އުފެއްދި ސުވާލުވެސް ނެތިގެން ދިޔަ ކަމަށެވެ. 2023 ގެ އިންތިހާބުގައިވެސް ކަން ހިނގާނީ އެ މަގުން ކަމަށް ވިދާޅުވެ ޖަމީލް ވަނީ މާނަ ފުން ވާހަކަތަކެއް ވިދާޅުވެފައެވެ.

"މޭޒު ދޮށުގައި އިށީންދެގެން ތިބެގެން ވެސް ވަރަށް ގިނަ ކަންކަން ނިމިގެންދާނެ. އެހެންވީނަ ގަބޫލު ކުރައްވާ. އިންތިހާބު ބޭއްވޭނީ ރައީސް ޔާމީނާ އެކީގައި. 2023 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ވަޑައިގަންނަވާނީ. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އަގީދާއެއް،" ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމްގައި ރިޔާސީ ޓިކެޓަށް ވާދަވެރިކަން ނެތް ކަމަށާ މުޅި ލީޑާޝިޕްގެ ވިސްނުމަކީވެސް 2023 ގައި ރައީސް ޔާމީނާއެކު ކުރިއަށް ވަޑައިގަތުމުން ކަމަށެވެ. އަދި އެއީ ވަރަށް އިހުލާސްތެރިކަމާއެކު އޮތް ނިންމުމެއް ކަމަށް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި ވަރަށް ގިނަ ފުރުސަތުތައް ދެއްވުމުންވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިނުގެން ހުންނެވީ އެމަނިކުފާނުވެސް ރިޔާސީ އިންތިހާބަށް "ހިސާބު"ތަކެއް ޖައްސަވާތީ ކަމަށެވެ.

"ޕީޕީއެމުން އިތުރު ބޭފުޅަކު ނުހުންނަވާނެ. ހުންނަވާނީ ރައީސް ޔާމީން. އެކަން ގަބޫލުކުރައްވާ،"