އިމްރާން އަބްދުﷲ

ޔާމީންގެ ކިބައިގައި މަޝްވަރާކުރުމުގެ އަހްލާގެއް ނެތް: އިމްރާން

Sep 14, 2022
9

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކިބައިގައި މަޝްވަރާކުރުމުގެ އަހްލާގު ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް އިމްރާން ފާޑު ވިދާޅުވެފައި މިވަނީ ލ. ގަމުގައި ނިމިގެން ދިޔަ ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވާ ތައުރީފް ކުރެއްވުނު ގޮތަކުން ބައެއް މީހުންގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެފައި ވަނިކޮށެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުުޅުންނަށް ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް ރައީސް ސޯލިހްގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަހްލާގު އެބަހުރި ކަމަށެވެ. އެކަމަކު ރައީސް ސޯލިހްގެ ކިބައިގައި މަޝްވަރާކުުރުމުގެ އަހްލާގު ހުރި ވަރާ ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އަހްލާގު ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

"[އެއީ] އެ ދެ ބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެން ދަންނަ ހަގީގަތެކެވެ." އިމްރާން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީނަށް އަމާޒުކޮށް މީގެކުރިންވެސް އިމްރާން ވަނީ އެކި މުނާސަބަތުތަކުގައި ފާޑު ވިދާޅުވެފަ އެވެ. އިމްރާނަށް ރައްދު ދެއްވަމުން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އިމްރާން މަސައްކަތް ކުރައްވަނީ މަގާމު ދިފާއުކުރެއްވުމަށް އެކަނި ކަމަށާއި ގައުމަށް އިހްލާސްތެރިވުމުގެ ސިފަ އިމްރާންގެ ކިބައިގައި ނެތް ކަމަށެވެ.