ސްރީލަންކާ

ލަންކާގެ ރެފިއުޖީންތަކެއް ރާއްޖެ ސަރަހައްދުން ހިފަހައްޓައިފި

ލަންކާގެ ރެފިއުޖީންގެ ބަޔަކު ފިލައިގެން ދަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން އެމެެރިކާ ސިފައިން އިއްޔެ އަތުލައި ރާއްޖެއާ ހަވާލު ކޮށްފި އެވެ

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ލަންކާގެ ތަމަޅައިންގެ 85 މީހަކު އެމެރިކާގެ ސިފައިން އަތުލައިގެންފައިވާ ކަމަށެވެ. އެ މީހުންގެ ތެރޭގައި 59 ރެފިއުޖީއަކު ވެސް ހިމެނޭ ކަމަށެވެ. މި މީހުންނަކީ މަދުރާއީ އާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލައިގެން ދިޔަ ބަޔަކު ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ރާއްޖޭ ކަނޑުގެ ސަރަހައްދުން އެ މީހުން އަތުލައިގަތީ، ގަވައިދާ ހިލާފަށް ފެރީއަކުން ދަތުރު ކުރަމުން ދަނިކޮށެވެ. ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުން އުޅުނީ އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާއަށް ގޮސް ކެނެޑާގެ ހިމާޔަތް ހޯދާށެވެ

ނަމަވެސް މޫސުން ގޯސްވެ އެމީހުން ދަތުރު ކުރަމުންދިޔަ ފެރީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދަށް ހުއްޓި އޮޔާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެމީހުންގެ ފެރީ ލެއްގީ އެވެ.

އެމެރިކާ ފުލުހުން އަތުލައިގަތް މީހުންގެ އަތުގައި ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތް މީހުން ވެސް ހިމެނޭ ކަމަށް ރާއްޖޭގެ ފުލުހުންނާ ހަވާލާދީ ބުނެފައި ވެއެވެ.

މި ކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ބަހެއް ނުލިބެ އެވެ.