ސާފް ޗެމްޕިއަންޝިޕް

ޓިކެޓް ނުލިބުމުން ދަނޑަށް ވަދެ ބައްސާމުގެ އިސްތިއުފާ އަށް ގޮވައިފި

Oct 9, 2021
13

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެއްޖެ ކަމަށް ބުނުމުން ކިޔުގައި ތިބި މީހުން ރުޅި އައިސްގެން އެއްބަޔަކު ގަލޮޅު ދަނޑު ތެރެއަށް ވަދެގެންފި އެވެ.

އާންމުން ރުޅި އައީ ޓިކެޓް ވިއްކަން ފެށިތާ ކުޑައިރުކޮޅެއް ތެރޭގައި ޓިކެޓް ހުސްވެއްޖެ ކަމަށް ބުނެ ކައުންޓަރު ބަންދުކުރުމުންނެވެ.

އެގޮތަށް އަމަލުކުރުމުން ބައެއް އާންމުން ރުޅި އައިސްގެން ގަލޮޅު ދަނޑަށް ވަދެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ގޮވާފައިވެ އެވެ. އަދި އިތުރު ބަޔަކު ވަނީ މަޖީދީ މަގުގައި އިށީދެ ތިބެގެން ބައްސާމްގެ އިސްތިއުފާ އަށް ގޮވާފަ އެވެ.

އެ ސަރަހައްދުގައި ފުލުހުން އެ ވަގުތު ތިބި ނަމަވެސް އާންމުން ކޮންޓްރޯލް ކުރެވުނު ތަނެއް ނުފެނުނެވެ. އެހެންވެ އިތުރު ފުލުހުން ވެސް މިހާރު ވަނީ ދަނޑު ކައިރިއަށް އައިސްފަ އެވެ.

ޓިކެޓް ގަންނަން ގޮސް ކިޔުގައި ހުރި މީހަަކަށް ޓިކެޓް ނުލިބުމުން އޭނާ ބުނީ ކައުންޓަރު ބަންދުކުރި އިރު ގާތްގަނޑަކަށް ޓިކެޓް ގަތީ 60 މީހުން ކަމަށެވެ. އެ އަދަދަށް އެހާތަނަށް ޓިކެޓް ގަނެގެން ހުސްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް ބުންޏެވެ.

ރާއްޖެ އައި ބަންގްލަދޭޝް ބައްދަލުކުރި މެޗަށް ޓިކެޓް ވިއްކި ދުވަހު ވެސް ބައެއް ދިވެހިންނާއި ބަންގްލަދޭޝް މީީހުން އެފްއޭއެމް އަށް ފާޑުކިޔާފައިވެ އެވެ. ބަންގްލަދޭޝް މީހުން އެފްއޭއެމް އަށް ފާޑުކީ އެމީހުންނަށް އެންމެ 200 ޓިކެޓް ވިއްކުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ރާއްޖެ މާދަމާ ބައްދަލުކުރާނީ ސްރީލަންކާ ޓީމާ އެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެެވެ.