ސާފް ޗެމްޕިއަންޝިޕް

އިތުރު 1،000 ޓިކެޓް އާންމުންނަށް ވިއްކަން ނިންމައިފި

Oct 9, 2021
9

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ސްރީލަންކާ މާދަމާ ކުޅޭ މެޗަށް އިތުރު 1،000 ޓިކެޓް އާންމުންނަށް ވިއްކަން ނިންމައިފި އެވެ.

އެފްއޭއެމުން މިގޮތަށް ނިންމާފައިވަނީ މާދަމާގެ މެޗަށް މިއަދު ޓިކެޓް ވިއްކަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޓިކެޓްތައް ވިކި ހުސްވުމާ ގުޅިގެން ޓިކެޓް ނުލިބޭ މީހުން މުޒާހަރާކޮށް އެފްއޭއެމްގެ ރައީސްގެ އިސްތިއުފާ އަށް ގޮވާފައި ވަނިކޮށެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް އެފްއޭއެމުން ވިއްކަނީ ޖުމްލަ 5،000 ޓިކެޓެވެ. އޭގެތެރެއިން ބައެއް ޓިކެޓް ކުޅުންތެރިންގެ އާއިލާ އަށާއި، އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުލަބުތަކަށް ވިއްކަން ހާއްސަކޮށްފައި ހުރެ އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާގެ މެޗަށް ހާއްސަކޮށްފައި ހުރި 2،500 ޓިކެޓްގެ ތެރެއިން 1،000 ޓިކެޓް އާންމުންނަށް ވިއްކުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި މިރޭ 8:00 އިރު ޓިކެޓް ވިއްކަން ފަށާއިރު މީހަކަށް ވިއްކާނީ އެއް ޓިކެޓެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗަށް ޓިކެޓް ވިއްކި ދުވަހު ވެސް ބައެއް ދިވެހިންނާއި ބަންގްލަދޭޝް މީީހުން އެފްއޭއެމް އަށް ފާޑުކިޔާފައިވެ އެވެ. ބަންގްލަދޭޝް މީހުން އެފްއޭއެމް އަށް ފާޑުކީ އެމީހުންނަށް އެންމެ 200 ޓިކެޓް ވިއްކުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެެވެ.