ވާހަކަ

ވީމޭ ކަލާޔާނުލާ

(4 އޮކްޓޫބަރ 2021އާ ގުޅޭ)

"ޒަކްވާން.." ލިވިޔާ ވަރަށް މަޑުމަޑުން ގޮވައިލިއެވެ. ޒަކްވާން ސިހިފައި ލިވިޔާއަށް ބަަލައިލިއެވެ.

"ކިހިނެއްވީ؟" ލިވިޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޔަޤީން ކުރެވުނެވެ. ޒަކްވާންގެ ކަޅި ހުއްޓުނު އަންހެން ކުއްޖާ އަކީ ކާކު ބާއޭ ލިވިޔާގެ ހިތަށް އެރިއެވެ. އެވަގުތު ވެސް އެއަންހެން ކުއްޖާ ހުރި ފިޔަވަޅު މަތީގައި ބަލަން ހުރީ ސީދާ ޒަކްވާންގެ މޫނަށެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހުގައި ޒަކްވާން ގޮސް އެރީ ސައިކަލަށެވެ. ލިވިޔާ ވެސް ފަހަތުން ދިޔައެވެ. ދޭތެރެއަކުން ލިވިޔާ އެ އަންހެން ކުއްޖާއަށް ބަލައިލައެވެ. ނަމަވެސް އެކަން ރޭކާލާ ވަރަށް ވުރެ، އެ އަންހެން ކުއްޖާގެ ކަޅި ހުއްޓިފައި ވަނީ ސީދާ ޒަކްވާނަށެވެ.

"ހެހެ.. ހާދަ ސިއްރުކޮށްލައިގެން.." ސައިކަލް ސްޓާޓު ކޮށްލުމާ އެކުގައި ލިވިޔާ ފެށީ ޒަކްވާނާ ދިމާ ކުރާށެވެ.

"ނޫނޭ! އަހަރެން ކޮން ކަމެއް ވަކި ސިއްރު ކުރާނީ.. އެއީ އިމްޕޯ ކަމެއް ވެސް ނޫން ވިއްޔާ!" ޒަކްވާން ހަމަޖައްސައިލަން އުޅުނެވެ.

"އާނ. ތިކަން ދެންމެ ވަރަށް ރަނގަޅަށް ވެސް އެނގުނު. ދެ މީހުން ތިބީ ކަޅި ނުކުންނަ ވަރުވެފަ ވިއްޔާ.." ލިވިޔާ އޭނާގެ ކަނާ އަތް މަޑުމަޑުން ޒަކްވާންގެ ފަލަ މަސްގަނޑުގައި ބާއްވައިލުމަށްފަހު، ސައިކަލުގައި ހަމަޖެހިލަމުން ބުނެލިއެވެ. ލިވިޔާގެ ވާހަކަތަކަށް ފަހު، ޒަކްވާން ޖަވާބަކަށް ދިނީ ހިނިތުން ވުމެކެވެ. އެވެސް ގަދަކަމުންނެވެ. އެއީ މާޒީ ކަމުގައި ބަލައިގެންނެވެ. އެ ސޮފުޙާ ހުޅުވަން އަލުން ބޭނުން ނުވާތީއެވެ.

ޖެހިބުދެއްހެން ހުއްޓިގެން ހުރި، ޖޭސްމީނަށް ހަމަހޭ ވެރިކަން ވީ އޭނާގެ ކޯތާފަތް ތެމޭ ކަމުގެ އިޙްސާސް ކުރެވިގެންނެވެ. އޭރު ހަމަ ރަނގަޅަށް ވެސް ޖޭސްމީނަށް ވަނީ ރޮވިފައެވެ. ކާރު ބާރު ބޮޑު މަގުގައި ހުރެ ޖޭސްމީން ރޯނީކަން އޭނާއަށް ރޭކައިލުމާ އެކުގައި، ނިކަން އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. އަދި ވަށައިގެން ބަލައިލީ އެމަންޒަރު ބަަލަން ބަޔަކު ތިބިތޯއެވެ. މިވޭތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ޖޭސްމީން ހޭދަކުރީ ހިތްދަތި ދިރިއުޅުމެކެވެ. އެކަނިވެރި ކަމާ އެކުގައި އުޅެމުންދާ ޖޭސްމީނަށް ލިބުނު ހަމައެކަނި އުފަލަކީ، ޒަކްވާނާ އެކުގައި އޮފީހުގައި އުޅުނު ހަނދާންތަކެވެ. ޒަކްވާންގެ ކައިވެނީގެ ޚަބަރުން ހިތުގެ ހުރިހާ ނާރެއްހެން ބުރިބުރި ވެގެން ދިޔައިރުވެސް، އަޒުމަށް ބަލިކަށި ކަމެއް ނުގެނައިސް، ޖޭސްމީން މަސައްކަތް ފެށީ ޒަކްވާންގެ ލޯބި ހޯދޭތޯއެވެ. ކޮންމެ ޙާލެއްގައި ވެސް ޒަކްވާންގެ ލޯބި ހޯދަން ޖޭސްމީން ނިންމިއެވެ. ރޭގަނޑު ނުނިދިގެން އެތައް ރެއެއްގައި އެކަނި މާއެކަނި މަގުތައް މަތީގައި ހިނގާ ހަދައެވެ. އެންމެ ފަހުން ޖޭސްމީންގެ އެކަންތައް ވީ ބޮޑު ބައްޔަކަށެވެ. ލޯބިވާ މީހާގެ ދިރިއުޅުން ހަލާކުކޮށްލަން ބޮލަށް ވަތް ވަސްވާސްތަކުން، ޖޭސްމީން ފަހުން ދުރުވީ ވެސް އެ ލޯތްބަށް ގަދަރު ކުރާތީއެވެ. އެ ލޯބީގައި ޖޭސްމީންގެ ލޯބި ޤުރުބާން ކުރަން ޖޭސްމީން ފަހުން ބޭނުން ވުމުންނެވެ. އޮފީހަށް ދިޔުން މަދުވެ، އެންމެ ފަހުން އޮފީހުން ވެސް ޖޭސްމީން ކެނޑުނީއެވެ. އޮތީ އެންމެ ސަބަބެކެވެ. ޒަކްވާން ފެނުމުން ޖޭސްމީނަށް އުނދަގޫ ވަނީއެވެ.

***

"ހުރިހާ ކަމެއް ވެސް ރަނގަޅު." ޑޮކްޓަރު ހިނިތުންވެލަމުން ބަލައިލީ ޒަކްވާނާއި ލިވިޔާއަށެވެ.

"ބޭބީ ވެސް ވަރަށް ރަނގަޅު." ޑޮކްޓަރުގެ ވާހަކަ އަޑު އަހާފައި ވަރަށް އުފާވެފައި ތިބިގެން ޒަކްވާނާއި ލިވިޔާ މިސްރާބު ޖެހީ ލިވިޔާގެ ގެއަށެވެ.

***

"ޔޫހާ.. ޔޫހާ.." ޝަހުރުގެ އަޑު ކިތަންމެހާ ވެސް ރަނގަޅަށް ޔޫހާގެ ކަންފަތުގައި ޖެހެއެވެ. ނަމަވެސް ޔޫހާއަށް ހަރަކާތެއް ނުކުރެވެއެވެ. ނިދާފައި ކަމަށް ހީކޮށް ޝަހުރު ހުއްޓައި ނުލައި ދިޔައީ ޔޫހާއަށް ގޮވަމުންނެވެ.

"ދަރިފުޅާ! ތި ވަރަށް ޔޫހާއަށް ނުގޮވާ. މަންމަ ސައި ހަދާ ނިމުނީއޭ މި. ސައިބޮއިގެން ދަރިފުޅު އަވަހަށް ދޭ އޮފީހަށް.." ހުސްނާ އެހެން ބުނުމުން، ޝަހުރު ވަރަށް ލޯބިން ބަލައިލީ އެނދުގައި އޮތް ޔޫހާގެ މޫނަށެވެ. އަދި ގުދުވެލަމުން ވަރަށް ލޯބިން ޔޫހާގެ ކޮލަށް ބޮސް ދިނުމަށްފަހުގައި ޝަހުރު ކޮޓަރިން ނުކުތެވެ.

"މަންމާ.. ޔޫހާ އޮތީ ގަަދަ ނިދީގަ. ރޭގަ ބުނި ބޮލަށް ތަދުވާ ވާހަކަ. ވަރަށް ދުވަސްކޮށްފަ އެބުނީ އަނެއްކާ.." ޝަހުރު ގެންދިޔައީ ހެނދުނުގެ ސަޔަށް އިންސާފު ކުރަމުުންނެވެ.

"އެ މަންޖެ ހަމަ ވިސްނަނީއެއްނު! މަންމައާ ރާދާ ވެސް ވަރަށް ދައްކާ ވާހަކައެއް ތީ. މަންމަމެންނަށް ވެސް ނޭނގެ ޔޫހާ އެ ވިސްނާ ކަމެއް. އަމިއްލަ މީހާ، އެވަރަށް ވިސްނައިގެން ބަލަ ކޮން މޮޅެއްތަ ވާނީ.." ހުސްނާ ވާހަކަދައްކަމުން އައިސް ޝަހުރު އިށީންދެގެން އިން ގޮނޑިއާ ޖެހިގެން އިށީންނެވެ.

"މިއަދު ޑިއުޓީން އައިސް އަހަރެން އަނެއްކާ ވެސް ޔޫހާއާ ތިވާހަކަ ދައްކާނަން!" ޝަހުރު އެހެން ބުނުމަށްފަހުގައި ކޮޅަށް ތެދުވީ ގެއިން ނުކުންނާށެވެ.

***

"މަޑުކޮށްބަލަ! މިތާގަ. އަހަރެން އެބަ އަންނަން މި ފިހާރަ ބަލާލާފަ. ނުވާނެ ގިނައިރެއް.." ޒަކްވާންގެ ކޮނޑުގައި ހިފައިލުމަށްފަހުގައި ސައިކަލު ފަހަތުގައި އިން ލިވިޔާ ބުނެލިއެވެ. އެއީ ކުޑަ ކުދިންގެ އެއްޗެހި ވިއްކާ ފިހާރައެކެވެ. ޒަކްވާން ހީކޮށްގެން ހުރީ ލިވިޔާ އެތަނުގައި މަޑުކުރީ ކުޑަކުދިންގެ އެއްޗެހި ބަލަން ކަމަށެވެ. ނަމަވެސް ލިވިޔާގެ އޮތީ އެހެން ޕްލޭނެކެވެ. ޒަކްވާން ގާތުގައި މަޑުކޮށްލަން ބުނެފައި ލިވިޔާ ގޮސް ވަނީ އެފިހާރައަށެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ލިވިޔާ ހުއްޓުނީ އެމީހުން ހޮސްޕިޓަލަށް ދިޔަ އިރު ފެނުނު އަންހެންކުއްޖާގެ ގާތުގައެވެ. އެ ފިހާރައިން އެކުއްޖާ ފެނުމުން، ލިވިޔާ ބޭނުންވީ އެކުއްޖާއާ ވާހަކަދައްކާލާށެވެ.

"ހެލޯ!" އިސްވެ ވާހަކަދެއްކީ ވެސް ލިވިޔާއެވެ. ފަހަތުން ގޮހެވެ. ސިހިފައި ފާޑަކަށް ޖޭސްމީން ބަލައިލީ ލިވިޔާގެ މޫނަށެވެ. އެއާ އެކުގައި ޖޭސްމީންގެ ދެލޯ ބޮޑުވެ، އޭނާ ފަސްޖެހުނެވެ.

"އައިމް ލިވިޔާ.. ޒަކްވާންގެ ފުރެންޑެއް. ތީ ކޮން ކުއްޖެއް!" ލިވިޔާގެ ދުލުން ބޭރުވި ތަޢާރަފުން ޖޭސްމީނަށް ލިބުނީ ކުއްލި ބޮޑު ޝޮކެކެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ހީވީ ޖޭސްމީންގެ ލޯމަތިން އެނބުރިގެން ދިޔަހެންނެވެ.

"ވަޓް؟" ޖޭސްމީން ހައިރާން ކަންމަތީގައި ހުރެ ބުނެލީ އެވަރަށެވެ.

"ޔެސް! ތީ ކޮން ކުއްޖެއް؟ ބުނެބަލަ! ޒަކްވާން ވަރަށް ސިއްރުން އުޅޭނީ.. ހެހެ. އެހެންވެ މިއައީ ވެސް.. ކޮންކުއްޖެއް ތޯ ބަލާލަން ވެގެން." ލިވިޔާ ހިނިތުންވުމަކާ އެކުގައި ވާހަކަދައްކަމުން ދާއިރު، ލިވިޔާއަށް ރޭކައި ނުލަނީ މިދެކެވެނީ ކިހާ ބޮޑު ވާހަކައެއް ކަމެވެ. އެއްވެސް އެއްޗެއް ނުބުނެ ޖޭސްމީން ހުއްޓުން އެރީ ލިވިޔާގެ ދުލުން ބޭރުވަމުން ދިޔަ ވާހަކަތަކުންނެވެ.

"ތިބުނީ.. ޒަކްވާން ސިންގަލްއޭތަ؟ އޭނަގެ ވައިފެއް ނުހުރޭ؟" ޤަބޫލު ކުރަން ދަތިވެފައި ހުރެ، ޖޭސްމީން ވަރަށް އުދަނގުލުން އަހައިލިއެވެ.

"ހެހެ! އާނ! އެ ވިސްނުން ވެސް ގެންގުޅޭ ކުއްޖެއް ނޫން އެއީ.. އަވަހަށް އެކަމާ އުޅޭ.. ހިތްކިޔަންޏާ.. ހެހެ. ޔޫ ކޭން ކޯލްމީ އިނގޭ. އެނގޭ ތީ ޒަކްވާންގެ ވަރަށް ޚާއްސަ ކުއްޖެއްކަން.. ސޯ ގިވް މީ އަ ރިންގު.." ލިވިޔާ އެހެން ބުނެ ހިނިތުންވުމަކާ އެކުގައި ފިހާރައިން ނުކުމެގެން ދިޔައީ ޖޭސްމީނަށް ބަޔާން ކުރަން ދަތި ބޮޑު ހައިރާން ކަމެއް ދީފައެވެ. ދޫ ބަންދުވެފައި ހުރިއިރު، ނޭވާލާން ވެސް ޖޭސްމީނަށް ހަނދާންނެތިފައިވާ ފަދައެވެ. ކުއްލިއަކަށް ހުރެފައި ޖޭސްމީން ބަލައިލީ އޭނާގެ ފޯނުގައި ލިވިޔާ ޖެހި ނަމްބަރެވެ.

***

ހަވީރުގެ ވަގުތެވެ. ޑިޔުޓީ ނިންމާލާފައި ޝަހުރު ގެއަށް އައިސް ވަނީ ހަމަޖެހިގެން ހުރެއެވެ. އޭނާގެ ޙަޔާތަށް އެއްވެސް ކަމެއް ވެދާނެ ކަމަށް ބަލައިގެން ނޫނެވެ. ހަމަ ނޯރމަލް ދުވަހެއްގެ ގޮތުގައި، ދުވަހުގެ ބާކީ ބައި ވެސް ދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެކަންވީ އެހެން ނޫނެވެ. ގެއަށް އައި އިރު ގޭތެރެއިން ފެންނަނީ ހިމޭން ކަމެވެ. ހުސްނާ ވެސް ގޭގައި އުޅޭހެން ހީއެއް ނުވެއެވެ. ބޫޓު ބޭއްލުމަށްފަހު، މަޑުމަޑުން ހިނގާފައި އައިސް ޝަހުރު ހުޅުވައިލީ އޭނާގެ ކޮޓަރީގެ ދޮރެވެ.

"ޔޫހާ." ޝަހުރަށް ފުރަތަމަ ވެސް ހަޅޭލަވައި ގަނެވުނީއެވެ. ދެލޯ ކަރުނައިން ތެތްމައިލީ ހަމަ ކުއްލިއަކަށެވެ. ދުވެފައި ޝަހުރު ގޮސް ވަނީ ކޮޓަރި ތެރެއަށެވެ. (ނުނިމޭ)