ބޮލީވުޑް

އަހަރެންގެ ބައްޕަ އަށް ކެޓްރީނާ "ބައްޕަ" އޭ ނުކިޔާ: ރަންބީރު

Dec 1, 2015
2

ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އެތަކެއް އަހަރުވެފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިދެ ތަރިން ވަނީ ވަކިން އެކުގައި ދިރިއުޅެން ވެސް ފަށާފަ އެވެ.

ދޭތެރެ ދޭތެރެއިން މި ދެ ތަރިން ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް އެރި ނަމަވެސް، އަވަސް މުސްތަގްބަލެއްގައި ކައިވެނިކުރުމުގެ ވިސްނުމެއް މިދެ ތަރިންނެއް ވެސް ނުގެންގުޅެ އެވެ.

މިފަހުން ބޭއްވި އިވެންޓެއްގައި ކެޓްރީނާ ވަނީ އެއިވެންޓްގައި ބައިވެރިވުމަށް ގޮސް ހުރި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ފެނިގެން، އޭނާ އަށް ބައްޕާ އޭ ކިޔައި ގޮވާފައި ކަމަށް ނޫސްތަކުގައިވެ އެވެ.

ރިޝީ އާއި ކެޓްރީނާ މިހާރު މުހާތަބުކުރަނީ ބައްޕަ ކިޔައިގެން ކަމަށް ދެކެވެމުން އަންނަ ވާހަކަ އެންމެފަހުން ރަންބީރު ވަނީ ދޮގުކޮށްފަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ރިލީޒްކުރި ރަންބީރުގ ފިލްމު "ތަމާޝާ"ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ރަންބީރު ވަނީ ކެޓްރީނަ އޭނާގެ ބައްޕައަށް "ބައްޕާ" އޭ ކިޔައި މުހާތަބު ކުރިކަމަށް ދެކެވެމުން އަންނަ ވާހަކައަކީ މުޅިން ދޮގުވާހަކައެއް ކަމަށެވެ.

" އަހަރެންގެ ބައްޕަ އަށް ކެޓްރީނާ މުހާތަބު ކުރަނީ ރިޝީ ޖީ ކިޔާފައި" ރަންބީރު ބުނެފައިވެ އެވެ.

ބުނެވޭ ގޮތުގައި ރަންބީރާއި ކެޓްރީނާގެ ގުޅުމަކީ އޭނާގެ މަންމަ އާއި ބައްޕަ މާ ގަޔާވާ ކަމެއް ނޫނެވެ. އެގޮތުން ރަންބިރު ގެއިން ނިކުމެގެން ދިޔުންވީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ރިޝީ ބުނެފައިވާއިރު، މިހާރު ރިޝީ އާއި އަންހެނުން ނީތޫ އަންނަނީ އެމީހުންގެ ގޭގައ ރަންބީރަށް ވަކިން ދިރިއުޅެވޭނެ ގޮތަށް ގެއެއް އަޅަމުންނެވެ.

މިޕާޓީގައި ރަންބީރާއެކު "ތަމާޝާ"އިން ފެނިގެންގޮސްފައިވާ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި ފިލްމުގެ ޑައިރެކްޓަރާއި ފިލްމުގެ ކްރޫއިން ބައިވެރިވެފައިވެ އެވެ.

"ތަމާޝާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ރަންބިރުގެ ޖެހިޖެހިގެން ނިކުތް ތިން ފިލްމެއް ފްލޮޕްވި ފަހުން ހިޓްވި ފިލްމެވެ.