ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ރާއްޖެއަށް ވަންނަ، ރާއްޖޭގެ މައިދޮރާއްޓެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މޫނުމަތި ތަމްސީލް ކުރަން އެންމެ އިސް ދައުރެއް ކުޅޭ ބަޔަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނެވެ. އެހެންވެ، އެ ކުންފުނިން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ މީހުން ބިނާ ކުރުމެވެ. ހާއްސަކޮށް ދިވެހި މުވައްޒަފުން ހޯދުމެވެ. މިހާރުގެ މެނޭޖުމަންޓުން ވެސް އެންމެ އިސްކަމެއް ދޭ އެއް ކަމަކީ އެއީ އެވެ. އެ ކުންފުނީގެ ތަޖުރިބާކާރު ސީއީއޯ އަދި އެމްޑީ ގޯޑަން އެންޑްރޫ ސްޓުއާޓް އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ދިވެހިން ހޯދުމެވެ. ދިވެހިން ތަމްރީނު ކުރުމެވެ.
އާ ސީއީއޯގެ ވިޝަނެއް އެބައޮތެވެ؛ އެއީ މިހާރު ވީއައިއޭ އަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކޮށް ޒަމާނީ ތަނަކަަށް ހެދުމާއެކު ދިވެހިން އުފެއްދުމެވެ.
"މީހުން ބިނާ ނުކޮށް, އަޅުގަނޑުމެން ބޭނުންވާ ކުރިއެރުމެއް ނުލިބޭނެ. އަޅުގަނޑުމެންގެ ވިޔަފާރި ކުރިއަރުވަން ބޭނުމިއްޔާ ސްޓާފުން އެބަޖެހޭ ތަމްރީން ވާން. އަނެއްކޮޅުން އެއީ ސްޓާފުން ވެސް އެންމެ ބޮޑަށް ބޭނުން ވާނެ ގޮތް. ސްޓާފުން ވެސް ބޭނުން ވާނެ އެ މީހުންގެ ހުނަރާއި ގާބިލުކަން އިތުރުވެގެން ދާން. އަޅުގަނޑު ބޭނުން އެމްއޭސީއެލް އަށް އާ ލީޑަރުން ތަމްރީނުކޮށް ލީޑަޝިޕަށާއި މުވައްޒަފުންގެ ހުނަރު ތަރައްގީކުރަން އިންވެސްޓް ކުރަން" އޭވިއޭޝަން ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.
ގޯޑަން ދެކެވަޑައިގަންނަވާ ގޮތުގައި ދާއިރާއިން އޭނާއަށް ލިބިފައިވާ ގާބިލުކަމަކީ ކުރިން މަސައްކަތް ކުރި ކުންފުނި ތަކުން މުވައްޒަފުން މީހުން އުފައްދަން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެހެންވެ، އެ ފުރުސަތު އޭނާގެ މުވައްޒަފުންނަށް ދީ އަދި އެ މީހުން ގާބިލު ބަޔަކަށް ހެދުމަކީ އަމާޒެކެވެ.
"އަޅުގަނޑު އަަބަދަކު ނުހުންނާނެ މި ތަނަކު. އަޅުގަނޑު މި އެއާޕޯޓާ އަލްވަދާއު ކިޔާއިރު ފަހުރުވެރި ވާނީ އަޅުގަނޑު ތަރައްގީ ކުރި އެއާޕޯޓާ ދޭތެރެއަަކު ނޫން. އަޅުގަނޑު ފަހުރުވެރި ވާނީ އުފެއްދި މީހުންނާ މެދު،" ގޯޑަން ވިދާޅުވި އެވެ.
އަޅުގަނޑު އަަބަދަކު ނުހުންނާނެ މި ތަނަކު. [އެމްއޭސީއެލް] އަޅުގަނޑު މި އެއާޕޯޓާ އަލްވަދާއު ކިޔާއިރު ފަހުރުވެރި ވާނީ އަޅުގަނޑު ތަރައްގީ ކުރި އެއާޕޯޓާ ދޭތެރެއަަކު ނޫން. އަޅުގަނޑު ފަހުރުވެރި ވާނީ އުފެއްދި މީހުންނާ މެދުގޯޑަން އެންޑްރޫ ސްޓުއާޓް | އެމްއޭސީއެލް ސީއީއޯ / އެމްޑީ
އެއާޕޯޓްގެ މުވައްޒަފުންގެ ހުނަރު އިތުރަށް ތަަރައްގީ ކުރަން ގޯޑަން ބޭނުންވާ އިރު އޭނާގެ ނަޒަރުގައި އެއާޕޯޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންމެ މަތީ ފެންވަރުގެ މަގާމުތަކަށް އެންމެ ގާބިލު ދިވެހި މުވައްޒަފުން ނުލިބުމެވެ. އެެގޮތުން އައިޓީ އާއި އޭވިއޭޝަންސްގެ އެންމެ ފަންނީ މަގާމުތަކަށް ބޭރުން އެންމެ ގާބިލު މުވައްޒަފުން ހޯދުން އޭނާގެ ވިސްނުން އެބަހުއްޓެވެ.
"މީގެ ކުރިން އަޅުގަނޑު އެހެން ގައުމެއްގެ އެއާޕޯޓެއްގައި މަސައްކަތް ކުރިއިރު ވެސް އެންމެ ފުންނާބުއުސް މީހުން އެންމެ މަތީ މަގާމު ތަކަށް ގެނައީ އެހެން ގައުމުތަކުން. އެހެންވެ އަޅުގަނޑު ބޭރު މީހަކަށް ވީތީ ބޭރު މީހުން ވަޒީފާ ތަަކަށް ގެންނަނީއެއް ނޫން. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އަޅުގަނޑު ވާނީ ފަސް ޑިވޮލޮޕްމަންޓް މެނޭޖަރުން [ދިވެހިން] ރެކްރޫޓް ވެސް ކޮށްފައި. އަދި ފާއިތުވި މަދު ދުވަސްކޮޅުގައި ދިވެހި އެ ފަސް މެނޭޖަރުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެފައިވާތަން އަޅުގަނޑަށް ފާހަގަ ކުރެވޭ. އެފަދައިން މީހުން ބިނާ ކުރުން އަޅުގަނޑުގެ ބޭނުމަކީ." ގޯޑަން ވިދާޅުވި އެވެ.
މީހުން ބިނާ ކުރުމާއެކު މިހާރު އެއާޕޯޓަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، ވީއައިއޭގެ މޫނުމަތި ބަދަލު ކޮށްލުމަކީ ސީއީއޯގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް ގޯޑަންގެ އިސްނެެންގެވުމުގެ މަތިން ވަނީ ސްޓާފް ޑިވްލޮޕްމަންޓް ސްކީމުގެ ނަމުގައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ފަށާފަ އެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އެމްއޭސީއެލް އަށް ބޭނުންވާ ތަފާތު އެކިއެކި ފަންނުތަކުގެ ލީޑަރުން ތަމްރީނުކޮށް އުފެއްދުމެވެ.
މި ސްކީމްގެ ދަށުން، މިހާރު ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ސްކޮލަޝިޕް ސްކީމްތައް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ އެ ކުންފުނިން އަބަދުވެސް ކުރާ ކަމެކެވެ. އޭގެ ތެރޭގައި އެމްއޭސީއެލް ސީއީއޯގެ ހާއްސަ ސްކޮލަޝިޕާއި އެމްއޭސީއެލްގެ ފަންޑް ސްކޮލަޝިޕާއި ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް ދޫކުރެވޭ ލޯނުގެ އިތުރުން ކުރު އަދި ދިގު މުއްދަތުގެ އެކިއެކި ކޯސްތަކުގައި މުވައްޒަފުން ބައިވެރިކޮށް ތަމްރީނު ދިނުން ހިމެނެ އެވެ. މިގޮތަށް މުވައްޒަފުންނަށް ފުރުސަތު ހޯދައިދެވޭއިރު، މި ވަގުތު މީހުން ބިނާކުރެވިފައި ނެތް ދާއިރާ ތަކުން މީހުން ތަމްރީނުކުރުމަށް އިސްކަންދެވޭނެ އެވެ.
އާ ޓާމިނަލްއަށް މިހުން ބިނާ ކުރަން ވަނީ ފެށިފަ
އެއާޕޯޓުގެ އުމްރާނީ ތަރައްގީގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ދާއިރު، މި ދަނޑިވަޅުގައި އާ ދާއިރާތައް މިހާރު ވެސް ވަނީ ކުންފުންޏަށް ތައާރަފްކޮށް އެ ދާއިރާތަކަަށް މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާރު ވަނީ "އޮރާޓް" ނުވަތަ އެއާޕޯޓް ހިންގުމުގެ ދާއިރާ އިން މީހުން ބިނާ ކުރަން ފެށި އެވެ.
"އަޅުގަނޑުގެ އަމާޒަކީ ކުރިން ކުންފުނީގައި ކަންކަން ދިޔަ ގޮތާ ހިލާފަށް ޒަމާނީ ފެންވަރަށް މި ވިޔަފާރި ތަރައްގީ ކުރުން. އާ ޓާމިނަލް މަސައްކަތް ނިމިގެންދާއިރު 28 ބާވަތެއްގެ އައިޓީ ސިސްޓަމްތައް ޓަމިނަލްގައި ގާއިމް ކުރެވޭނެ. މިކަމަށް ބޭނުންވާ މީހުން ހޯދުމާއި ތަމްރީނުކުރުގެ މަސައްކަތް ވަނީ ފަށާފަ. އާ ޓާމިނަލް ކޮންސްޓަރަކްޝަން މަސައްކަތް ނިމެންވާއިރަށް އަލަށް އަންނަ މި މީހުން ތަމްރީނު ކުރެވޭނެ. މީގެ ސަބަބުން މި ދާއިރާ އިން ވަރަށް ގިނަ ދިވެހިން އެއްފަހަރާ ބިނާވެގެންދާނެ." ގޯޑަން ވިދާޅުވި އެވެ.
ދިވެހި އެއާޕޯޓްގެ މުޅިން ބަދަލުކޮށްލަން ގޯޑަން އަމާޒު ހިފައިފައިވާއިރު އޭނާ ދެކޭ ހުވަފެންތައް ވަރަށް ފޮންޏެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެލާނާ އެއާޕޯޓް ފައިވް ސްޓާ އެއާޕޯޓަަކަށް ހެދުމެވެ. އެ ފައިވް ސްޓާ އަށް އެއާޕޯޓް ގެންދަން އޭނާ ބޭނުންވަނީ ދިވެހިން އިސްވެތިބެ އެވެ. ދިވެހިންނާއެކުގަ އެވެ.