ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްދެމުންދާ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ހިންގަން ބީއެމްއެލް އިން ނިންމާފައިވާ ކަމަށެވެ.

އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިން މިއަދު ވަނީ ސައިކޮލޮޖީ އާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައިއެމްޑަބްލިއުބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ގަވައިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިން ހިދުމަތް ބީއެމްއެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ އެވެ.

އެ ޕްރޮގްރާމުގެ ދަށުން، ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަން ތަކަށް ހޭދަވާ ހަރަދު ބޭންކުން ހަމަޖައްސައިދޭނެ އެވެ.

ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް މި ދާއިރާގައި ފާހަގަކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރު އަޅާނެ އެވެ. އަދި މިފަރާތްތަކާ ގުޅިގެން، ދަރިންތަރުބިއްޔަތު ކުރުމާއި، ވޯކް ލައިފް ބެލެންސްގެ އިތުރުން ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސެޝަން ތަކެއް ވެސް ބާއްވާނެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަސޭހައިން ލިބޭނެ ހިދުމަތްތަކާއި ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތްތަކަކާއެކު ޕާޓްނާޝިޕް ހެދިގެން ދިއުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ބީއެމްއެލްއެކޭ އެއްގޮތަށް އެހެން އޮފީސްތަކާއި އިދާރާތަކުން ވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.

"މުޅި ދުނިޔެއަށް ބަލާލާއިރުވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން މިއަންނަނީ ފާހަގަވަމުން. އަދި ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް މިވަނީ ނުހަނު ބޮޑު އަސަރެއްކޮށްފައި. އެހެންކަމުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏަކަށްވުމާއެކު، ބޭންކުން މިކަމަށް އިސްނަގައި މިއަދު މިފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ނުހަނު މުނާސަބުކަމެއް." އައިޝަތު ވިދާޅުވި އެވެ.