އަހުމަދު ޝިޔާމް

ރާއްޖެ-އިންޑިއާ ގުޅުމުން އަޅުވެތިކަން ނޫނީ އިހުސާސެއް ނުވޭ

އަޅުވެތިކަން ނޫން ކަމެއް ރާއްޖެ-އިންޑިއާ ގުޅުމުގެ ތެރެއިން އިހުސާސު ނުވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ވިސާއާ ނެތި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސާ ކުރިން އޮތް ގޮތަށް އަމަލު ކުރަން ފަށާފައި ވާކަން އެ ގައުމުން އިއުލާނު ކުުރުމާއި ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ ރާއްޖެ-އިންޑިއާ ސަރުކާރުގެ ގުޅުން މާ ބަދަހި ކަމަށް ދައުވާ ކުރާއިރު ތިން އަހަރުވީ ސަރުކާރުން ރައްޔިތުން ވިއްސާއަށް ސަލާން ޖެއްސުވުމަކީ ދެ ގައުމުގެ ދެމެދު މިހާރު އޮތް ގުޅުމުގެ ނިޔަތާއި މަގުސަދާއި ދޭތެރޭ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"އަޅުވެތިކަން ނޫން ކަމެއް ގުޅުމުގެ ތެރެއިން އިހުސާސު ނުވޭ،" ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާ ނެތި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެ ނިންމުމަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަަށް ވެސް ބުންޏެވެ.

ބޭހަށްދާ ދިވެހިން އިންޑިއާއަށް ދާއިރު ވިސާ ނަގަން ޖެހޭ ގޮތަށް ހެދީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ގައުމު ބަންދު ކުރުމާއި ގުޅިގެންނެވެ. އެހެން ގައުމުތަކަށް އިންޑިއާ ބަންދުވީ ނަމަވެސް ވިސާ ނަގައިގެން ދަތި އުސޫލެއްގެ ތެރެއިން ދިވެހިންނަށް އެ ގައުމަށް އެތެރެވުމަށް ހާއްސަ ހުއްދައެއް ދިނެވެ.

އެ ހުއްދައިގެ ދަށުން ހާލު ބޮޑު ބަލި މީހުން އެ ގައުމަށް ގެންގޮސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވުމުން މެޑިކަލް ވިސާ ނެތިވެސް ދިވެހިންނަށް އެ ގައުމަށް އެތެރެވެވޭ ގޮތް ހަދައިދިނެވެ.