ޖަލުތަކުގެ ރިހިބިލިޓޭޝަން ޕްރޮގްރާމު ހަރުދަނާ ކުރަން ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާ ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ފަހު އިތުރު ސުވާލު ކުރުމުގެ ވަގުތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް އެކަށީގެންވާ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ޖަލުތަކުގައި ހިންގިފައި ނުވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ކަންކަން މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ވެސް ކޮށްފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ރިހިބިލިޓޭޝަން ޕްރޮގްރާމު ހަރުދަނާކޮށް ގައިދީން މުޖުތަމައަށް ނުކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރާ ކަމަށެެވެ. އެގޮތުން ޖަލުގައި ރިހިބިލިޓޭޝަން ކޮމާންޑް އުފައްދާ އެ ކޮމާންޑަށް މުވައްޒަފުން ހޯދައި ތަމްރީން ކުރަމުންދާ ކަމަށެވެ.
ރިހިބިލިޓޭޝަން ކޮމާންޑުން ކުރާނެ މައިގަނޑު މަސައްކަތަކީ ޖަލުގައި ކުރިއަށް ގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ރާވާ ހިންގުމާއި ހަރުދަނާ ކުރުމެވެ.
ޖަލުގައި ގައިދީންނަށް ބޭސް ފަރުވާގެ ހިދުމަތް ލިބުން އެންމެ ރަނގަޅު ނޫން ކަމަށް މިނިސްޓަރު ގަބޫލުފުޅު ކުރެއްވި އެވެ. އެކަމަކު މިހާރު ޖަލުގައި ދެ ސްޕެޝަލިސްޓަކު އެބަތިއްބެވި ކަމަށާއި އަދި އިތުރު ޑޮކްޓަރަކު ރެކްރޫޓް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިތުރު ފަރުވާ ބޭނުންވާ ގައިދީންނަށް މާފުށި ހެލްތު ސެންޓަރުންނާއި އަދި މާލެއަށް ގެންނަން ޖެހޭ ހާލަތުގައި ގެންނަން. މިއީ ވެސް ވަރަށް ބޮޑެތި ހަރަދު ހިނގާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަލުގައި "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ޖަލުގައި އަނިޔާ ކުރާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ކުރެވޭ ޝަކުވާއެއް ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޖަލުތަކުގައި އަނިޔާ ކުުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ އޮފިސަރުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.