މާލޭ ސިޓީ ކައުންސިލް

މާލޭގެ 16 މަގެއްގައި ތާރުއަޅަން އާރްޑީސީއަށް

މާލޭ ސިޓީގެ 16 މަގެއްގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

އާރްޑީސީއާއި އެކުގައި މިއަދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ވެސް ނިންމާފައިވެ އެވެ. ތާރު އަޅަން ނިންމާފައިވާ މަގުތައް ފަހުން ހާމަ ކުރާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިން މި މަޝްރޫއު ޑިޒައިންކޮށްފައިވާ ގޮތުން ސެގްމަންޓް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ވަރަށް ގިނަ ދުވަސް ހޭދަވާ ކަމަށާއި، ނަމަވެސް އެއްބަސްވުމަށް ގެނެވުނު ބަދަލާއެކު މާލޭގެ 105 މަގެއް 2 އަހަރު ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރަށް އެއްކޮށް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް އެ ކުންފުންޏާ ގުޅިގެން ހިންގުމަށް ކައުންސިލުން ނިންމެވީތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ އެދުމާ އެއްގޮތަށް މި މަޝްރޫއު އެންމެ ފުރިހަމަކޮށް ނިންމުމަަށްޓަކާއި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މާލޭ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ދެން އެންމެ ބޮޑު ބަދަލެއް ގެންނަން ނިންމާފައިވަނީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދަށެވެ. އެ ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާ މަގު ފުޅާކޮށް، އެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމަށް ވަނީ ނިންމާފަ އެވެ.