މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހުޅުމާލޭގެ ސަރުކާރު ޕްރީ ސްކޫލުން ޖާގަ ހޯދަން ހުޅުވާލައިފި

Oct 11, 2021

ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައިވާ "މުހައްމަދު ގާސިމް ޕްރީ ސްކޫލް" އިން ޖާގަ ބޭނުންވާ ކުދިންނަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަަށެވެ.

އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭން ނިންމާފައިވާ ސްކޫލުގައި 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޖާގަތައް ފުރެންދެން ޖާގަ ހޯދުމަށް ހުށަހެޅޭނެ ކަމަށެވެ. ޕްރީ ސްކޫލުގެ ކިޔެވުން ފެށުމަށް ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ހުޅުމާލޭގައި ހަދާފައިވާ ޕްރީ ސްކޫލު ހިންގަން އެޗްޑީސީން އެޑިޔުކޭޝަން މިނިސްޓްރީއާ އެތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގަ އެވެ.

މިނިސްޓްރީން ވަނީ އެ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން ހަތަރު ފަހަރެއްގެ މަތިން އިއުލާންކޮށްފަ އެވެ. އެކަމަކު އެ ތަން ހިންގަން ވަކި ބަޔަކާ ހަވާލުނުކޮށް އުޅެނިކޮށް ކޮވިޑް 19ގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ދުވަސް ތަކުގައި އެ ތަން ބޭނުންކުރީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

ހުޅުމާލޭގެ ޕްރީ ސްކޫލު ހިންގަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ކޮލިޓޭޓް އެޑިއުކޭޝަނާއި، އައިލެންޑާސް އެޑިއުކޭޝަނާއި އިރުސިޔާދު އިންޓަނޭޝަނަލްގެ އިތުރުން އިލްމު އެޑިއުކޭޝަނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެތަން ސަރުކާރުން އަމިއްލަ އަށް ހިންގަން ނިންމާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހައްމަދު ގާސިމް ޕްރީ ސްކޫލް ބޭނުންކުރީ ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގަ އެވެ.