މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަސްވަނަ ސްކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑް ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ.

އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހައިޝަމް އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

މިމަޝްރޫއު ހަވާލުކުރީ 18 މަސް ދުވަސް -- 547 ދުވަހުގެ ތެރޭގައި މަސައްްކަތް ނިންމުމަށް ޝަރުތުކޮށްފަ އެވެ. މަސައްކަތުގެ އަގަކީ 241.6 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ ސްކޫލު ޑިޒައިންކޮށް އިމާރާތް ކުރުމާއި އަދި އެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދާނީ ވެސް މަސައްކަތާ ހަވާލުވިި އަޒްރޯވާ ކުންފުނިންނެވެ.

ޕްރީ ސްކޫލު މަރުހަލާއިން ފެށިގެން އޭލެވަލް އަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މިސްކޫލުގައި 54 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދަކާއި ކޮންމެވެސް ވަރެއްގެ ޕްލޭ ގުރައުންޑެއް ވެސް އޮންނާނެ އެވެ.

މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވީ 2024 ވަނަ އަހަރުގެ އޮގަސްޓްގައި ފަށާ ދިރާސީ އާ އަހަރަށް މި ސްކޫލު ހުޅުވޭނެ ކަމަށެވެ. ސްކޫލަށް ކިޔާނެ ނަމެެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާ ފަސްވަނަ ސްކޫލެވެ. އެތަނުގައި ހުޅުވި ފުރަތަމަ ސްކޫލަކީ އަހްމަދު ކާމިލްދީދީ ސްކޫލެވެ. ދެވަނަ ފިޔަވަހީގައި ނިންމަމުންދާ ޖަމީލް ދީދީ ޕްރީ ސްކޫލުގެ މަސައްކަތް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމާ އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން ސަލާހުއްދީން ސްކޫލާއި އަދި ވަކި ނަމެއް ކިޔާފައި ނުވާ ސްކޫލެއްގެ މަސައްކަތް ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގަމުން އެބަދެ އެވެ.