ފިނޭންސް މިނިސްޓްރީ

ހުޅުމާލޭގައި ސްކޫލް އަޅަން ތިންވަނަ ފަހަރަށް ބީލަމަށް

Dec 30, 2021

ހުޅުމާލޭގައި ދެ ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިއުލާންކުރީ މިދިޔަ އޮކްޓޫބަރު ފަސްވަނަ ދުވަހު އެެވެ.

އިއުލާންތައް ބާތިލްކުރާ ވަކި ސަބަބެއް ފިނޭންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން ބުނާ ގޮތަށް އެ މަސައްކަތް ކުރުމަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުނުކުރަނީ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ތިންވަނަ ފަހަރަށް ކޮށްފައިވާ އިއުލާނެއްގައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އައިސީބީ އުސޫލުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލު އެޅުމަށް ޝައުގުވެރިވާ ރާއްޖެެއާއި ބޭރުގެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

ދެ ސްކޫލަށް ވަކިވަކިން ބިޑް ސެކިއުރިޓީ ކަނޑައަޅާފައިވާއިރު ދެ ސްކޫލަށް ވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ ދައްކަންޖެހެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ބިޑް ހުށަހަޅަންޖެހެނީ އަންނަ އަހަރުގެ ފެެބްރުއަރީ ތިނެއްވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތައް އިތުރުވަމުން އަންނައިރު ދެވަަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ސަރުކާރުން ނިންމާފައިވެ އެވެ. އަދި ބައެއް ސްކޫލުތައް އެޅުމަށް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލުތައް ވެސް ހިމެނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން އާންމުން ދިރިއުޅެމުންދާއިރު މިހާތަނަށް އަދި ދެވަނަ ފިޔަވަހީގައި އެއްވެސް ސްކޫލެއް އިމާރާތްކޮށް ނިމިފައެއް ނުވެ އެވެ.