ސްކޫލް

ބަޖެޓު ވަކިނުކުރާ ސްކޫލުތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބޭ

ދައުލަތުގެ ބަޖެޓުގައި ވަކިނުކޮށް ހުރި އުތުރުގެ ސްކޫލުތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ޖެނުއަރީ މަހުގެ މުސާރަ އަދިވެސް ޖަމާނުވެ އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ، މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު ޖަމާކުރަންޖެހެ އެވެ. މާޗް މަސް ފެށި ދެވަނަ ދުވަސް ހިނގަމުންދާއިރު ބައެއް ސްކޫލުތަކުގެ މުވައްޒަފުންނަށް ޖެނުއަރީގެ މުސާރަ ޖަމާނުވެ އެވެ.

ބަޖެޓު ވަކިކޮށްފައިވާ ސްކޫލުތައް ދައުލަތުގެ ބަޖެޓުން އެނގެން އޮވެ އެވެ. ބަޖެޓު ވަކިކުރި ސްކޫލުތަކުން މުސާރައިގެ ކަންކަމުގައި މުއާމަލާތްކުރާނީ ފިނޭންސް މިނިސްޓްރީއާއެވެ. ބަޖެޓު ވަކިނުކުރާ ސްކޫލުތަކުން މުސާރައިގެ ކަންކަމުގައި މުއާމަލާތް ކުރަންޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީއާއެވެ.

"ކުރިއަށް އޮތީ ހަފުތާ ބަންދު. މިއަދު މުސާރަ ޖަމާނުވެއްޖެނަމަ ދެން އެންމެ އަވަހަށްވެސް މުސާރަ ޖަމާވާނީ އާދިއްތަ ދުވަހު،" ސްކޫލެއްގެ މުވައްޒަފަކު ކަންބޮޑުވުންފާޅުކުރި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުން ބަޖެޓު ވަކިނުކުރާ ދެކުނުގެ ރަށްރަށުގެ ސްކޫލުތަކުގެ މުވައްޒަފުންނަށް ޖެނުއަރީ މަހުގެ މުސާރަ މިހާރު ވަނީ ޖަމާވެފަ އެވެ.

މުސާރަ ޖަމާނުވާ މައްސަލައިގައި ފިނޭންސް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް އަވަސް އިން ގުޅާލުމުން އެ ދެ މިނިސްޓްރީގެ އޮފިޝަލުންވެސް ވިދާޅުވީ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.