ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދާއި ޝާހިދަށް ތޯރިގުގެ ސުވާލެއް

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދައުލަތުގެ ޒިންމާތަކެއް އަދާކުރާ ބޭފުޅުންތަކެއްތޯ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ސުވާލު ކުރައްވައިފި އެވެ.

ތޯރިގު މި ސުވާލު ކުރައްވާފައިވާ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ތޯރިގުގެ ޓްވީޓްގައި ވިދާޅުވީ އދ އާންމު މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއް ނިންމަވާލައްވާފައި ފުރާވަޑައިގެންފި ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިން ދުވަހުގެ ޗުއްޓީއަކަށް ރާއްޖެ ވަޑައިގެންފި ކަމަށް އަޑުއިވިވަޑައިގަތުމުން އެއީ ދިވެހި ދައުލަތު ޒިންމާތަކެއް އަދާކުރާ ބޭފުޅުން ނޫންތޯ ހިތަށް އަރާ ކަމަށެވެ.

ހަތަރު މަސް ދުވަހަށް ފަހު ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނު ބޭރަށް ވަޑައިގެންނެވީ މެއި މަހުގެ ފުރަތަމަ ހަފްތާގައި އެމަނިކުފާނު އަވަހާރަކޮށްލަން އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ކުރެއްވުމަށެވެ.

ފަރުވާއަށް ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެ ފަހުން އެމަނިކުފާނުގެ ބޭފުޅުން ދިރިއުޅުއްވާ އިނގިރޭސިވިލާތަށެވެ. މިއަދު ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖޭގައި އަމާން މާހައުލެއް އޮތްކަން ކަށަވަރު ކުރެއްވުމުން ނޫނީ ރާއްޖެ ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށް ފަހުއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ ހަތަރު ދުވަހަށް ކަމަށްވެސް ރިޕޯޓްކުރެއެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ މިދިޔަ ހަފްތާގައި ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ. ޝާހިދަށް ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އާންމު މަޖިލީހުގެ ރައީސްކަން ކުރެވިދާނެތޯ ގާނޫނީ ބަހުސެއް ދަނީ ހިނގަމުންނެވެ.