ވާހަކަ

ވީމޭ ކަލާޔާނުލާ

(9 އޮކްޓޫބަރ 2021އާ ގުޅޭ)

"ޔޫހާ.. މަގޭ ޔޫހާ.. ބަލަ ޔޫހާ.." ޝަހުރުގެ ހިތުގެ ހިނގުން ވަނީ ކޮންޓުރޯލުން ނެއްޓިފައެވެ. ޔޫހާގެ އަނގައިން ފައިބައިފައިވާ ލޭތައް ވަނީ އޭނާގެ އަނގަ ވަށައިގެން ހިކިފައެވެ. ޔޫހާގެ ބޯދަށުގައި އޮތް ބާލިހުގެ ހުދު ކުލަ ވަނީ ރަތް ލެއިން ކުލަ ބަދަލުވެފައެވެ. ޔޫހާގެ ގައިގައި ހިފައި ތަޅުވަމުން ޝަހުރު ރޮމުން ދިޔައީ ހަދަންވީ ގޮތް ނޭނގޭ ކުޑަ ކުއްޖެއް ފަދައިންނެވެ. ހޮސްޕިޓަލަށް ވެސް ގުޅަން ޝަހުރަށް ހުރީ ހަނދާންނެތިފައެވެ.

ރޭގަނޑުގެ އަނިދިރިކަމުން ދުނިޔެ ބައްދައިލި އިރު، ޔޫހާ އާއި ޝަހުރުގެ ޢާއިލާއަށް ވަނީ ބޮޑު ހިތްދަތި ކަމެއް ލިބިފައެވެ. އޭޑިކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޔޫހާއަށް ދިޔައީ އަވަސް ފަރުވާ ދެމުންނެވެ. ޔޫހާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނޭވާ ލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ޑޮކްޓަރުން ދެކޮޅަށް ދުވެދުވެފަ އުޅުނީ މާޔޫސް ވެގެންނެވެ. އެ ހުރިހާ މަންޒަރެއް ވެސް ހިނގަމުން ދިޔައީ ޝަހުރުގެ ދެލޯ ކުރިމަތީގައެވެ. ލޯބިވާ އަނބިމީހާއަށް ވީގޮތް ނޭނގެ، މުޅި މީހާގެ ބޮލުގެ ތެރޭގައި ވަނީ އެތައް ކަމެއް ގުޅަވެ، ޖަމާވެފައެވެ. ޔޫހާ ފެނުމާ އެކުގައި ހުސްނާ އަނބުރައިގަތް ގޮތަށް އަދިވެސް ހޭ ނާރައެވެ. ހުސްނާގެ ގާތުގައި މަންސޫރު ހުރި އިރު، ޔޫހާ އާއި ޔޫހާގެ ޢާއިލާ ތިބީ އައިސީޔޫގެ ކުރިމަތީގައެވެ. ޑޮކްޓަރުންގެ ފަރާތުން އުއްމީދީ ޖަވާބެއް އިވޭނެކަމަށް ބަލައިގެންނެވެ. އެކަމަށް ދުޢާ ކުރަމުންނެވެ.

"އަހަރެންގެ ދަރިއަށް ގޮތެއް ވެއްޖިއްޔާ އަހަރެންގެ ދިރިއުޅުމުގެ މަގުސަދު ފުޑުފުޑުވީ.." ޔާސިިރުގެ ކޮނޑުގައި ބޯއަޅައިލުމަށްފަހުގައި ރާދާ ވާހަކަދެއްކީ ހިތްދަތިކަމުން ފުރިގެންވާ ޙާލުގައެވެ. ރާދާގެ ކޮނޑުގައި ފިރުމަމުން ޔާސިރު ގެންދިޔައީ ދައްކާނެ ވާހަކައެއް ނެތުމުންނެވެ. އަނގައިން އަޑު ނެރޭނެ ހިތްވަރެއް ވެސް ޔާސިރުގެ ހަށީގައި ނެތެވެ. ނަމަވެސް މި ދަނޑުވަޅުގައި ކަށިން ހިތްވަރު ނެރެެން ޖެހޭނީ ވެސް ޔާސިރު ކަމަށް ވުމުން، ނެތް ވަރުން ހިތްވަރު ނެރެން ޔާސިރު މަސައްކަތް ކުރެއެވެ.

ބޮލުގައި ދެއަތް ވިއްދައިގެން، ޝަހުރު އިނީ އައިސިޔޫގެ ކުރިމަތީގައި ހުރި ގޮނޑި ބަރީގައި އިށީންދެގެންނެވެ. ޝަހުރު ވަނީ ވަރަށް ބޮޑަށް އެކަނިވެރި ވެފައެވެ. ހިތަށް އަރާ ފައިބަމުން ދަނީ އެތައް ގިނަ ހިތްދަތި ޚިޔާލުތަކެވެ. ކޮންމެ ގޮތެއް ވިޔަސް، ޔޫހާއާ ނުލައި ފަޅި ސިކުންތެއް ވެސް ހޭދަކޮށްލުމަކީ ޝަހުރަށް ފަސޭހަ ކަމެއް ނޫނެވެ. ޝަހުރުގެ އިޙްސާސްތައް ކިޔައިދޭނެ އެއްވެސް މީހެއް މިއަދު އޭނާގެ ނެތް ކަމުގެ އިޙްސާސް އޭނާއަށް ކުރުވަން ފަށައިފިއެވެ. ލޯބިވާ ކޮއްކޮ ވެސް ގެއްލުނީއެވެ. އެހެން ނޫން ނަމަ، މިއަދު ޝަހުރުގެ ގާތުގައި އޭނާގެ ހިތާމަތަކުގައި އެންމެ ގާތުން ހުންނާނީ އޭނާގެ ކޮއްކޮކަން ޝަހުރަށް އެނގެއެވެ. އެކަމުގެ ރުޅިވެރިކަން ވެސް ޝަހުރުގެ އޮތީ ލިވިޔާއަށެވެ.

***
ލިވިޔާ ދެއްކި ވާހަކަތަކުން ޖޭސްމީންގެ ނިދި ވެސް ވަނީ ގެއްލިފައެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައީ އެތައް ސުވާލެއް ބޮލުގެ ތެރެއަށް ޖަމާވަމުންދާ ޙާލުގައެވެ. ޒަކްވާން އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވައިލީ ކޮން ބޭނުމެއްގަ ބާއޭ ޖޭސްމީންގެ ހިތް އޭނާއަށް ސުވާލު ކުރަން ފެށިއެވެ. ކޮންމެ ގޮތެއް ވިޔަސް ލިވިޔާގެ ވާހަކަތަކުން ޖޭސްމީނަށް ލިބުނީ އައު އުއްމީދެކެވެ. އައު ދިރުމެކެވެ. ލޯތްބާ ގާތަށް ޖެހިލަން އިތުރު ފުރުޞަތެކެވެ. އެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައިލަން ޖޭސްމީން ނިންމީ ވަރަށް ވަރުގަދަ އަޒުމަކާ އެކުގައެެވެ.

"ހޫން! ލިވިޔާ ވެސް އެބުނީނު! ޒަކްވާން އުޅޭނީ ވަރަށް ދުރުންނޭ.. ސޯ! އަހަރެންނަށް މިކަން ވާނެ. އަހަރެންނަށް ދޭހަ ވަނީ މިކަހަލަ ކަންކަމަށް ޒަކްވާން އާ ކަން. ލަދުން އުޅޭކަން. ހުރެބަލަ! އަހަރެންގެ މި ލޯބި އަހަރެންނަށް ހާސިލު ވާނެ. އިންޝާﷲ" ޖޭސްމީން ހިނިތުންވެލަމުން އަނެއްކާ ވެސް އެނދުމަތީގައި އޮށޯވެލިއެވެ. ލޮލަށް ނިދީގެ އަސަރެއް ކޮށްފާނެ ކަމަށް ބަލައިގެންނެވެ.

***

"ޑޮކްޓަރ.." އައިސީޔޫގެ ދޮރުން ޑޮކްޓަރު ނުކުތުމާއެކުގައި، ޝަހުރު ފުންމައިގެން ގޮނޑިން ތެދުވިއެވެ. ލިވިޔާގެ މައިންބަފައިން ވެސް އަވަސް ފިޔަވަޅު ތަކަކާއެކުގައި ގޮސް ހުއްޓުނީ ޑޮކްޓަރުގެ ކުރިމަތީގައެވެ.

"ކިހިނެއްތޯ ވީ؟" މާޔޫސްކަމުން ފުރިފައިވާ ޑޮކްޓަރުގެ މޫނަށް ބަލައިލަމުން ޝަހުރު އެހެން އަހައިލި އިރު އޭނާގެ އަޑު ހީވީ ފިސްފިސް ވެގެން ދިޔަހެންނެވެ. އެ އަޑުން އޭނާގެ ހިތަށް އަޅައިފައިވާ ވޭން ވަރަށް ރަނގަޅަށް ތަސައްވުރު ކޮށްލެވޭނެއެވެ.

"ވީ އެންމެ އަވަހަކަށް އިތުރު ފަރުވާއަށް ބޭރަށް ގެންދަން ރިކޮމެންޑު ކުރަން. އަދިވެސް ހޭނާރާ. ލަސްކޮށްފިނަމަ އިތުރަށް ގޯސް ވެދާނެ.." ޑޮކްޓަރު އެހެން ބުނުމާ އެކު، ރާދާއަށް އެޅުނީ ފަހަތަށް ފިޔަވަޅެކެވެ. ޔާސިރު ހިފައިލީ ރާދާގެ އަތުގައެވެ. ޝަހުރުގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުންދާއިރު، އޭނާއަށް ވަނީ އިންތިހާ ދަރަޖައަށް ހިތްދަތިކަން ލިބިފައެވެ.

"މިރެއިން މިރެއަށް ފުރުމުގެ ކަންކަން ހަމަޖައްސާނަން.. ޑޮކްޓަރ ޕްލީޒް.. ޔޫހާއަށް ރަނގަޅަށް ބަލައްޗޭ! ޔޫހާ ގާތުގަ ބުނައްޗޭ ކުޑަ ވަގުތު ކޮޅަކަށް ހިތްވަރު ކޮށްލަން. ބުނޭ އަހަރެން ބުންޏޭ، ހުރިހާ ކަމެއް ވެސް ރަނގަޅު ވާނޭ." ޝަހުރު ވާހަކަ ދެއްކި އިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ. ޔާސިރު އޭނާގެ އެއް އަތުން ރާދާގެ ބުރަކަށީގައި ފިރުމަމުން ދާއިރު، އަނެއް އަތުން ޔާސިރު ފިރުމަން ފެށީ ޝަހުރުގެ ބޮލުގައެވެ.

***

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ލިވިޔާގެ އެދުމަށް ނިކަން ހެނދުނާ ޒަކްވާން އެގެއަށް އައެވެ.

"ކީއްކުރަން މިހާ ހެނދުނާ؟" ޒަކްވާން އިނީ ލިވިޔާމެންގޭ ސިޓިންގރޫމްގައެވެ. ލިވިޔާއަށް ޖޭސްމީންގެ ވާހަކަ ނުދައްކާ ހުންނަން އުނދަގޫ ވީއެވެ. އެހެންކަމުން ހެނދުނު ހެނދުނާ ޒަކްވާން ގެނެސްގެން އެވާހަކަދައްކަން ބޭނުން ވީއެވެ. ޖޭސްމީން ފަހުން ނިދަން ވެގެން އޮށޯވެގެން ވެސް ނުނިދުނެވެ. އެހެންކަމުން އޭނާ ގުޅީ ލިވިޔާއަށެވެ. ރޭގަނޑު އެތައް އިރެއް ވަންދެން އެދެމީހުން އެތައް ވާހަކައެއް ދެއްކިއެވެ.

"ބުނެބަލަ! ކިހިނެއްތަ ވީ؟" ލިވިޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެގެން އަނެއްކާ ވެސް ޒަކްވާން އަހައިލިއެވެ.

"އޯކޭ! މި ބުނަނީ.." ލިވިޔާ ފުންކޮށް ނޭވާއެއް ދޫކޮށްލުމަށްފަހުގައި، ދެފައި އޮޅައިލައިގެން ސޯފާގައި އިށީންނެވެ. ދެން ބަލައިލީ ސީދާ ޒަކްވާންގެ ދެލޮލަށެވެ.

"ޒަކްވާން ކީއްވެތަ އަހަރެންމީ ޒަކްވާންގެ ވައިފޭ ބުނީ؟ ޒަކްވާން ދެކެ އެހާ ލޯބިވާ މީހެއް ޙަޔާތަށް އައީމަ އިގްނޯރ ކޮށްލަން ވާނެތަ؟" ލިވިޔާ ކޮށްލި ސުވާލުން މިވީ ގޮތް ކިތަންމެހާ ވެސް ރަނގަޅަށް ޒަކްވާނަށް އެނގުނެވެ.

"އެއީ ވަރަށް ރަނގަޅު ކުއްޖެއް ފާޑު ޖަހާ.. ޒަކްވާނާ ވަރަށް ގުޅޭ، ވަރަށް ލޯބި ކުއްޖެއްނު އެއީ؟ ސޯ! އެކަމާ އުޅެން ވީނު؟" ލިވިޔާގެ ވާހަކަތަކުން ޙަޤީޤަތުގައި ވެސް ޒަކްވާންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ޒަކްވާންގެ ހިތުގައި ލިވިޔާއަށް އޮތް އިންތިހާ ލޯބި ލިވިޔާއަށް ނޭނގެނީބާއޭ ޒަކްވާން އޭނާގެ ހިތާ ޝަކުވާ ކޮށްލިއެވެ. ޒަކްވާން ވަމުންދާ ޤުރުބާނީ ލިވިޔާއަށް މާނަ ނެގެނީ ކޮންފަދަ އަކުން ބާއޭ ޒަކްވާންގެ ހިތަށް އެރިއެވެ. ޒަކްވާން ބޭނުން ވަނީ ލިވިޔާއެވެ. ލޯބި ވަނީ ހަމައެކަނި ލިވިޔާ ދެކެއެވެ. ހިތުގައި އެހެން އެއްވެސް ފަރާތަަކަށް އެއްވެސް ޖާގައެއް ނެތެވެ.

"އޯކޭ! ލިވިޔާ ބުނެފިއްޔާ އަހަރެން ނުކުރާނެ ކަމެއް ނުހުންނާނެ. އެބަ އަންނަން ޓޮއި އަށް ގޮސްފަ.." ޒަކްވާން ގަދަކަމުން ހިނިތުންވެލަމުން ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ. ޒަކްވާން ކަހަލަ ބޮޑު ފިރިހެނެއް ލިވިޔާގެ ކުރިމަތީގައި ރޯތަން ދައްކަން ބޭނުން ނުވާތީއެވެ. ފާޚާނާއަށް ވަނުމާ އެކުގައި ޒަކްވާންގެ ކެއްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ދެލޯ ކަރުނައިން ތެތްމައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް، ލިވިޔާ ޒަކްވާން ދެކެ ލޯބި ވެވިދާނެއޭ ހިތަށް އެރި އެރުމަކީ ޒަކްވާނަށް ކުރެވުނު ކުށްހީ އެއް ކަމުގައި ބަލަން އޭނާއަށް މަޖުބޫރުވީކަން އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. ވަރަށް އަވަސްކޮށް ޒަކްވާން އޭނާގެ ދެއަތުން ކަރުނަތައް ފުހެން ފެށީ ލިވިޔާއަށް ކަމެއް ޝައްކު ވެދާނެތީއެވެ. (ނުނިމޭ)