ރައީސް މުހައްމަދު ނަޝީދު

ފަސް މަހަށްފަހު ރިޔާސަތުގައި ނަޝީދު

ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތާ މިއަދު އަލުން ހަވާލުވެވަޑައިގެންފި އެވެ.

"ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފަހުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަަޑައިގެންފައެއް ނުވެއެވެ.

އެމަނިކުފާނު މިއަދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންފައި މިވަނީ ހަމަލާއަށް ފަހު ޖަރުމަނާއި އިނގިރޭސިވިލާތުން އިތުރު ފަރުވާ ހޯއްދެވުމަށްފަހު އިއްޔެ ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގަތުމަށް ފަހު އެވެ.

ރައީސް ނަޝީދުގެ ރިޔާސަތުގައި މަޖިލީހުގެ ޖަލްސާ މިއަދު ފެއްޓެވުމަށް ފަހު އެމަނިކުފާނު ވަނީ މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ގެންގޮސްދެއްވި ކަމަށްޓަކައި މަޖިލީހުގެ ނައިބު ރައީސާ މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނުގެ ބަދަލުގައި މަޖިލީހުގެ ރިޔާސަތު މިދައުރުގައި ގިނައިން ބެލެހެއްޓެވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.

ރައީސް ނަޝީދު ވަނީ ގައުމުގައި މިވަގުތު ހުރި ބައެއް މައްސަލަތަކާއި މަޖިލީހަށް ހުށަހެޅިފައި ހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެ މައްސަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ މިދައުރުގެ ބާކީ ބައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނީ ބަޖެޓުގެ މަސައްކަތް ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ގައުމުގެ އިގްތިސާދު ރަނގަޅު ވާނެ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ބާރު އެޅުއްވި އެވެ.

ރައީސް ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތް ނަމަވެސް ބެލެވޭ ގޮތުގައި މިއީ ވަގުތީ ކަމެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ކަމަށް އެނގިފައިވެ އެވެ. އެކަމަކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެހެންނަމަވެސް ތިމާވެށީގެ ސަމިޓަކަށް ވަރަށް އަވަހަށް ފުރާވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއަކުން އެންމެ ފަހުން ފެނިފައިވަނީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގެ އެންމެ ފަހުގެ ޖަލްސާއިންނެވެ.