މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ވާނުވާގައި ތިބޭ މީހުން މައްސަލަ މަޖިލީހަށް

ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތް ނިމެންދެން "ވާނުވާ" ގައި ތިބޭ މީހުންގެ މައްސަލަ އާއި ޖަލުތަކުގަަ ތިބޭ މީހުނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ ޝަރީއަތް ނިމެންދެން އެތައް ބަޔަކު އަހަރުތަކެއް ވަންދެން ބަންދު ކޮށްފައި ތިބޭ ކަމަށެވެ. އޭގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށި ތިބޭ ފަރާތްތަކާއި ހެކި ބަސް ނެގުމުގެ މަރުހަލާގައި ތިބޭ ފަރާތްތަކާއި އަދި އަޑު އެހުންތައް ނިމިފައިވާ ފަރާތްތައް ހިމެނޭ ފަރާތްތައް ހިމެނޭ ކަމަށެވެ.

ޖަލުތަކުގައި ވާނުވާގައި ތިބި މީހުންގެ އަދަދު 370 އަށް އަރައެވެ.

ޖަލުތަކުގައި ތިބޭ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އިސްމާއީލް ޝަބީން ވެސް ބޭސްފަރުވާއެއް އެދި ސަލާމް ޖަހަފައިވާ ކަަން ދައުލަތުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެކަމުން ބޭސްފަރުވާގެ ކަންކަން ޖަލުތަކުގައި ދަނީ ރަނގަޅަށް ނޫން ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ވާނުވާގެ މައްސަަލައާއި ޖަލުތަކުގައި ބޭސްފަރުވާގެ މައްސަލަ ހައްލު ކުރުމަށް ސިރާޖު ގޮވާލެއްވި އެވެ.

ބޭސްފަރުވާގެ މައްސަލަ ސިރާޖު ހުށަހެޅުއްވި ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ މަޖިލީހުގަިއ ވިދާޅުވި ބޭސް ފަރުވާގެ ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ބައެއް ގައިދީން އަހަރަކު 40 ފަހަރުވެސް ޑޮކްޓަަަރަށް ދައްކާފައިވާ ކަަމަށެވެ. އަދި ޖަލުން ބޭރުގައި ތިބޭ މީހުންވެސް އެވަރަށް ޑޮކްޓަރަށް ދެއްކޭނެހެން ހީނުވާ ކަމަށެވެ. އަދި ޝަބީން ޑޮކްޓަރަށް ދެއްކިތޯ ބަލައި ކަށަވަރުކޮށްފައިވާ ކަމަށާއި އަދި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަންތައްތައް ކުރިކަން ކަށަވަރުވެފައިވާ ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހުމާަލެއްް ނެތް ކަމަށެވެ.