ރިޕޯޓް

ސްޓާ ވޯޒް: ދިވެހިންނަށް ލިބުނު ނަސީބެއް!

  • މި ފަދަ ފިލްމުތަކުން ޑެސްޓިނޭޝަން ޕްރޮމޯޓްވުން ބޮޑު
  • ރާއްޖެ އިޝްތިހާރު ކުރަން ހޮލީވުޑްގެ ފިލްމުތައް ނެގުން މުހިންމު
  • ސްޓާ ވޯޒްއަކީ ރާއްޖޭގައި މިހާތަނަށް ނަގާ އެންމެ މަޝްހޫރު އެެއް ފިލްމް

ރާއްޖެއަށް ސިޔާސީ ގޮތުން މި އައި ބޮޑު ހިލުންގަނޑާ ހުރެ، ޓޫރިޒަމް މި އޮތީ ހަގީގަތުގައި ވެސް ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ދިވެހި ޓޫރިޒަމްގެ އެންމެ ބަހާރު މޫސުމުގައި މި ދިމާވި ކަންތައްގަނޑަކާ ހުރެ މުޅި ޓޫރިޒަމް ސިނާއަތް އޮތީ މާޔޫސްކަމެއްގެ ތެރޭގަ އެވެ. އޮތީ ދެން ވާނޭ ގޮތެއް ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

އެކަމަކު އެ ހާލަތު އެކީ ބަދަލުކޮށްލީ މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގަ އެވެ. ދިވެހި ޓޫރިޒަމް މިފަހަރު ހެއްވާލަދިނީ އަންނަ އަހަރު ނިކުންނަ ސްޓާ ވޯޒްގެ ރީބޫޓް ސިލްސިލާގެ ފުރަތަމަ ފިލްމް، ލ އަތޮޅުގައި ނަގަން ފެށުމުންނެވެ. ހޮލިވޫޑްގެ މަޝްހޫރު ތަރިންނާ އެކު އެ ފިލްމްގެ 20 މިނެޓް ރާއްޖޭގައި ނަގާކަމުގެ ހަބަރު މުޅި ދުނިޔެއަށް ފެތުރުމާ އެކު، ޓޫރިޒަމަށް ބޯމަތިވެފައި އޮތް ކަޅު ދުވަސްތައް އެކީ ނެތި، ގޮސްފި އެވެ. އުންމީދު އާކޮށްދީ ސަލާމަތަށް މި އައީ މިފަހަރު ސްޓޯ ވޯޒް އެވެ.

"ރާއްޖެއާ ބެހޭ ގޮތުން ޕޮޒިޓިވް ނިއުސްއެއް ނާންތާ ދުވަސްވެއްޖެ. އެހެންވެ މިކަމުގެ ސަބަބުން އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅު ބަދަލެއް އަންނާނެ،" ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ ޖަމިއްޔާ މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވި އެވެ.

މިހާރު ލ. އަތޮޅުގައި ނަގަން ފަށާފައިވާ "ރޯގު ވަން: އަ ސްޓާ ވޯޒް ސްޓޯރީ" އެ އެވެ. ދުނިޔޭގެ އެތައް މިލިއަން ބައެއް ބަލާ ސްޓާ ވޯޒް ސީރިީޒްގެ މި ފިލްމުގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ހަރަކާތެރިވެ އެވެ. މިގޮތުން މި ފިލްމުގައި ހަރަކާތެރިވާ މަޝްހޫރު ތަރިންގެ ތެރޭގައި ފޮރެސްޓް ވިޓެކަ އާއި ބަތަލާ ފެލިސިޓީ ޖޯންސް މިހާރު ތިބީ ރާއްޖޭގަ އެވެ. މި ތަރިންގެ އެތައް ފޭނުންނެއް ދުނިޔޭގައި ތިބޭނެކަން ޔަގީނެވެ. އަދި ސްޓާވޯޒް ސީރީޒްގެ ފިލްމްތައް ވަނީ އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަކޮށްފަ އެވެ. އަންނަ އަހަރުގެ ޑިސެމްބަރު މަހު ޕްރިމިއާ ކުރާ މި ފިލްމާ އެކު ރާއްޖޭގެ ރީތިކަމަށް އެތައް މިލިއަން ބައެއްގެ ހިތުގައި ވެސް ހާއްސަ ޖާގައެއް ދެވޭނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރަން ކުރަންވީ މިކަން؟

ރާއްޖެ އިޝްތިހާރު ކުރުމަށް އާއްމުކޮށް މި ކުރަނީ ހަމަ އެއްކަމެކެވެ. ފުރަތަމަ ޓޫރިޒަމް ފެށުނު ދުވަހެކޭ މި އަދެކޭ ވަކި ތަފާތެއް ނެތެވެ. ބޭރުގެ ފެއާތަކުގައި ބައިވެރިވެލުމާއި ބައެއް މީޑިޔާތަކުގައި އިޝްތިހާރު ކޮށްލީމައި އެކަން ދެން އެ ވަރިހަމަވީ އެވެ. ދެން ކުރާނެ އަނެއް ކަމަކީ ޓްރެވަލް ނޫސްވެރިން ރާއްޖެ ގެނެސް ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލަން ފުރުސަތު ދިނުމެވެ.

ނަމަވެސް ހޮލީވުޑް ނުވަތަ ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގައި ނެގުމަށް މިކަހަލަ ގިނަ ފުރުސަތުތަކެއް ހޯދާ ނަމަ، ރާއްޖެ އިތުރަސް އިޝްތިހާރު ވާނެ އެވެ. މީގެ މިސާލަކީ ސިންގަޕޫރުގައި މަޝްހޫރު ފިލްމް "ހިޓް މޭން" ނެގުމުން އެ ގައުމުގެ ޓޫރިޒަމަށް އައި ބަދަލެވެ. ސިންގަޕޫރުގައި ނަގާފައިވަނީ ހިޓްމޭންގެ އެންމެ 30 ސިކުންތެވެ. ނަމަވެސް މި މަންޒަރުގެ ސަބަބުން އެ ގައުމުގެ އިކޮނޮމީއަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް ބުނާ ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް މެރީނާ ބޭ ސޭންޑްސްގެ ގާޑެންސް ބައިދަ ބޭގެ ހިތްފަސޭހަކަން އެތައް ބަޔެއްގެ ހިތަކަށް މި ފިލްމުން ވައްދައިދީ ލޯބި ވަނީ އުފައްދައިދީފަ އެވެ.

ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ސިފަކުރާ ގޮތުގައި ސްޓާވޯޒްގެ މަންޒަރުތަކެއް ރާއްޖޭގައި ނެގުމަކީ ޓޫރިޒަމް ހިނިތުންކޮށްލަދިން ކަމެކެވެ. ސްޓާވޯޒް އަކީ ޓޫރިޒަމަށް މިފަހަރު ލިބުނު ނަސީބެކެވެ. އެހެން ނޫން ނަމަ، މިފަހަރު ރާއްޖޭގެ ޓޫރިޒަމް އެތައް ގޮތަކުން އަޑިއަޅާލުމުގެ ބިރުވެރިކަން އޮތީ ބޯމަތިވެފަ އެވެ. އެކަމަކު އެކަން މި ފޫބައްދައިދިނީ ސްޓާ ވޯޒް އެވެ. ޓޫރިޒަމް ދާއިރާ އިން ބުނަނީ ރާއްޖެ އިޝްތިހާރު ކުރަން ކުރަން ވީ މިކަހަލަ ތަފާތު ކަންތައްތައް ކަމަށެވެ.

"މިއީ ކުރަންވީ ކަމަކީ! ސިންގަޕޫރުގައި އެފްވަން ބާއްވަނީ މަގުތައް ބަންދުކޮށްގެން ވަކި ބޭނުމެއްގައި. މިއީ މިހާތަނަށް ރާއްޖޭގައި ކުރެވޭ އެންމެ މޮޅުކަންތައް. އަޅުގަނޑުމެން ވަރަށް ޑްރީމްކޮށްގެން ތިބި ކަމެއް މިއީ ރާއްޖޭގައި ހޮލީވުޑްގެ ފިލްމެއް ނެގުން. މީގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ،" ލެޓްސްގޯ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެވެސް އިނގިރޭސި ފިލްމެއްގައި ޓެކްސީއެއްގެ ތެރެއިން ރާއްޖޭގެ ފޮޓޯއެއް ދައްކައި، މަންޒަރެއް ފެނުމުންވެސް ރާއްޖެއަށް ގިނަ ބަޔަކު ޒިޔާރަތް ކުރި ކަމަށެވެ. އެހެންކަމުން މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިލްމެއްގައި ދައްކަނީ ޓެކްސީއަކަށް އަރަނީ އަންހެނެއް އޭނަ އަރާފައި ބުނަނީ ތިމަންނަ ވަރަށް ސްޓްރެސްއޭ. ބުނީމަ ޑްރައިވަރު ބުނަނީ ސްޓްރެސް ފިލުވާލަ ދީފާނަމޭ، ކިޔާފައި ދައްކަނީ ރާއްޖޭގެ ފޮޓޯއެއް. އެފަަހަރު އެ ފޮޓޯގެ ސަބަބުން ވެސް ރާއްޖެ މަޝްހޫރުވި. އޭގެ ބަދަލުގައި ރާއްޖޭގެ ބިއުޓީ މިހާ ބޮޑަށް ދައްކައިފިނަމަ މީގެ ފައިދާ އަދި މާ ބޮޑުވާނެ،" ރިޔާޒު ވިދާޅުވި އެވެ.

މިފަދަ އެހެން މަންޒަރެކެވެ: ހިންދީ ފިލްމް "ބޭންގް ބޭންގް" ގައި ރިތިކް ރޯޝަން ފްލައިބޯޑު ކުރާ މަންޒަރު ދައްކަ އެވެ. މި މަންޒަރު ނަގާފައިވަނީ ރާއްޖޭގައެއް ނޫނެވެ. ނަމަވެސް މި މަންޒަރުގައި ފެންނަނީ ރާއްޖެފަދަ ރީތި މޫދެކެވެ. މި މަންޒަރާއެކު ރާއްޖެ އައި ބައެއް ޓޫރިސްޓުން ފްލައި ބޯޑުގައި މައްޗަށް އުދުހިލަން ބޭނުންވެގެން އުޅުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަސްލު ހޯދަން ހޯދަން ބޭނުންވާ މާކެޓު އަދި ކިރިޔާ މި ހޯދެނީ. އެމެރިކާ މާކެޓު އަކީ މުހިންމު މާކެޓެއް. އެހެންވެ މީގެ ސަބަބުން ޓޫރިޒަމަށް ކުރާ ފައިދާ ބޮޑުވާނެ،. މިއީ އެމެރިކާ ބައްރަށް ރާއްޖެ ވަރަށް ބޮޑަށް މަޝްހޫރުކޮށްދޭނެ ކަމެއް" ރިޔާޒު ވިދާޅުވި އެވެ.

މުޅި ލ އަށް ވެސް ފައިދާ

މިފަދަ ބޮޑު ފިލްމެއް ރާއްޖޭގައި ނެގުމުން ޓޫރިޒަމަށް ލިބޭ ކުރިއެރުން ހަމައެކަނި ފޯރާނީ " ބޮޑު ފަސް ވިޔަފާރިވެރިން" ނަކަށް ނޫނެވެ. ހަމަ ގައިިމު ވެސް މީގެ އަސްލު ފައިދާ މިފަހަރު އޮތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށެވެ. ސީދާ ލ ގައި ހުރި ގެސްޓް ހައުސްތަކަށެވެ.

މިހާތަނަށް ތިލަވެފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެ ފިލްމްގެ ކްރޫއިންގެ ގޮތުގައި 200 މީހުން ރާއްޖެއަށް އައިސް ލ އަތޮޅުގައި އެބަ ތިއްބެވެ. އެ އެންމެން ތިބުމަށް އެ އަތޮޅުގައި ހުރި ހުރިހާ ގެސްޓް ހައުސްތަކަށް ގާތްގަނޑަކަށް އޮތީ ކުއްޔަށް ނަގައިފަ އެވެ. އެހެން ވީމާ މިފަހަރު އެ ގެސްޓް ހައުސްތަކުގެ އާމްދަނީ އެތައް ލައްކަ ރުފިޔާއަކަށް އަރާނެ އެވެ. ގެސްޓް ހައުސްތަކަށް ވެސް މި ވަނީ ހިނިތުންވުމެއް އައިސްފަ އެވެ. މިއީ ހަމައެކަނި ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން އިތުރު ކުރާނެ ކަމެއް ނޫނެވެ. މިއީ ގެސްޓް ހައުސްތައް މުޅި ދުނިޔެއަށް އިޝްތިހާރު ކުރަން ވެސް ލިބުނު ރަނގަޅު ބޫސްޓެކެވެ.

މި ނިމުނީ އެއް ނޫނެވެ. ފިލްމްގެ ސެޓްތައް ހެދުމަށާއި ކްރޫއަށް އަތްގައި ކޮށްދިނުމަށް ލ އަތޮޅުން އެތައް ބަޔަލު ވަނީ ދުވަހު މުސާރައަށް ނަގައިފަ އެވެ. ކޮންމެ މީހަކަށް 500ރ. ގެ މަގުންނެވެ. އެހެން ކަމުން މިއީ އެ ރަށުގެ އާންމު އާއިލާތަކަށް ވެސް ހިނިތުން ވެސް ގެނުވައި ދޭނެ ކަމެކެވެ. ދުވާލަކަށް 5،00ރ. އަކީ އެންމެ ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް ރާއްޖޭގައި މަދުން ނޫނީ ނުލިބޭނެ ވަރުގެ ބޮޑު އުޖޫރައެކެވެ. އެ މީހުން ދަތުރު ކުރުމަށް 20 އަކަށް ލޯންޗް ނަގާފައި އޮތް އިރު އެއީ ވެސް ހަމަ ރާއްޖެއަށް ވަންނަ ފައިސާ އެވެ. އެ ފިލްމްގެ މަސައްކަތުގައި މަހެއްހާ ދުވަސް ހޭދަ ކުރާ އިރު މިއީ ހަމަ ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ އެތައް މިލިއަން ރުފިޔާ އެކެވެ.

"މިއީ އަސްލު މި އަތޮޅަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. މީގެ ސަބަބުން އެތައް ބަޔަކަށް އެ ބަ ފައިދާވޭ. ލޯންޗް ދުއްވާ މީހުން. ގެސްޓް ހައުސް ހިންގާ މީހުން. ރެސްޓޯރަންޓް ހިންގާ މީހުން. މިހެން ގޮސް ކިޔާނެ ކަމެއްނެތް އެތައް ބަޔަކަށް މީގެ ފައިދާ މި ވަނީ ކޮށްފައި. މި އަތޮޅުގެ ރައްޔިތުންނަށް ލިބޭ ތާރީހީ ފަހުރެއް މިއީ،" އަތޮޅު ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

މި ފިލްމާ އެކު ލ. އަތޮޅު މި ވަންނަނީ ތާރީހުގެ ތެރެއަށެވެ. ކުށްކުރުމުން ފޯވެފައިވާ ވެއްޓަކަށް ސްޓާ ވޯޒް މިގެނެސްދެނީ އުންމީދު ހުޅު ކޮޅެކެވެ. ސްޓާ ވޯޒް މިވީ ހުރިހާ ދިވެހިންގެ ނަސީބަކަށެވެ. ދިވެހިންގެ ޓޫރިޒަމްގެ ސަލާމަތަށް މިފަހަރު މި އައި ފަހުލަވާނުންނަކީ، ސްޓާ ވޯޒް އެވެ.